މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަދުން ފެށިގެން މާޗު މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ޤައުމީ އިނާމު ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން މި އަހަރު ގެނެސްފައިވާ ކަމަށެވެ.
އެ ގޮތުން ހިތްވަރު ދިނުމުގެ އިނާމަށް އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް 60 އަހަރުވި ކަމުގައިވިޔަސް ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ކުރިން އުސޫލު އޮންނަ ގޮތުން ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާތީ، ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް ވެސް، ޚިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.
އޭގެއިތުރުން މިހާރު އިނާމު ދެއްވަމުން ގެންދަވާ ދާއިރާތަކުގެ ތެރެއަށް ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގގެ ދާއިރާ ވަނީ އިތުރުކޮށްފައެވެ.
ަރައީސް އޮފީހުން ބުނި ގޮތުގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާޢަތެއްނަމަ އެ އިނާމު ލިބުނުތާ 10 އަހަރުވެފައި، ޚިދުމަތްކުރި މުއްދަތުގެ ޖުމުލަ 35 އަހަރު ވުމުން ކަމަށެވެ. އަދި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމުގައި، އެ ފަރާތަކުން ނުވަތަ ޖަމުޢިއްޔާ ޖަމާޢަތަކުން ދިވެހި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކަށާއި އަދި ހޯދާފައިވާ ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކަށް ކޮމިޓީން ބައްލަވާ ގޮތަށް ނިންމަވާފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ހިތްވަރު ދިނުމުގެ އިނާމު ދެއްވާނީ އެ ދާއިރާއެއްގައި މަދުވެގެން 7 އަހަރު ޚިދުމަތް ކުރުމުން ކަމަށްވާއިރު ކުންފުނި ޖަމުޢިއްޔާ ޖަމާޢަތެއްނަމަ ޚިދުމަތުގައި މަދުވެގެން 10 އަހަރު ވުމުންނެވެ.
މި އަހަރު ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.