ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދޭ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީން މިއަދު ބުނީ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 13 ފެބުރުއަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
އަދި އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި, އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތާއި, އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ މަގުސަދުގައި ދެމުން އަންނަ އެވޯޑެކެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެ ކަމަށެވެ. އޭގެއިތުރުން މިނިސްޓްރީންނާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރތަކުން ވެސް ފޯމު ލިބެން ހުންނާނެ ކަމަށެވެ.