ށ.ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމާ ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފީވަކު ކައުންސިލުގެ އިދާރާ ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން މިއަދު ބުނީ ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ އެ އެޖެންސީއަށް ހުށަހެޅުނީ 07 އޮކްޓޯބަރު 2022 ވަނަ ދުވަހު ކަމަށެވެ.
އެ ގޮތުން އެ މައްސަލައިގައި ބެލި ބެލުންތަކާއި އެއްކުރެވުނު މަޢުލޫމާތުތަކުން ފީވަކު ކައުންސިލްގެ އިދާރާގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ފީވަކު ގޮނޑުދޮށުން ނަގައި ކުޑަކުދިން ކުޅޭ ޕާކެއް ތަރައްޤީކުރުމަށްޓަކައި ބޭނުންކޮށްފައިވާކަން ސާބިތުވާކަމަށް އީޕީއޭއިން ބުންޏެވެ.
އެހެންވެ 83,525.00 ދިވެހި ރުފިޔާއިން ފީވަކު ކައުންސިލްގެ އިދާރާ ޖޫރިމަނާ ކުރެވިފައިވާކަމާއި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް މި މަހުގެ 12 ވަނަ ދުވަހުގައި ފީވަކު ކައުންސިލްގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.