މަސްތުވާތަކެތީގެ ވިޔަފާރިއާއި އެ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންނާއި ތަންފީޒީ އިދާރާތަކުން މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 34 ވަނަ އިނީޝިއަލް ޓްރޭނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ ކޮންމެ ދުވަސްވަރެއްގައި ވެސް އެއިރެއްގެ ޙާލަތަށް ބަލާއިރު ގޮންޖެހުން ގިނަ އަދި ބުރަ މަސައްކަތެއް ކަމަށެވެ. އެ ގޮތުން މީގެ އެތައް އަހަރެއް ކުރިން ފެށިގެން މިއަދާ ހަމައަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަކަން ރައީސް ފާހަގަކުރެއްވިއެވެ.
“ގޮންޖެހުންތައް ކިތަންމެ ގިނަޔަސް، މަސްތުވާތަކެތީގެ ވިޔަފާރި އާއި އެ ތަކެތި އެތެރެކުރުން ހުއްޓުވުމަށް، ފުލުހުންނާއި ތަންފީޒީ އިދާރާތަކުން މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ.“
މީގެއިތުރުން އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަރަށް މުހިންމު ބައެއް ކަމަށާއި އެފަދަ މައްސަލަތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުވަމުންދާ ވަރަކަށް އެފަދަ މައްސަލަތައް ސިއްރުނުކޮށް ރިޕޯޓްކުރާ ޢަދަދު އިތުރުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެގެންދާ ކަމަށާއި އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ މީހުންނާއި ކުދިންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް މަގު ފަހިވެގެންދާ ކަމަށެވެ.