ބުދަ ދުވަހު ދަންޖައްސައި އަވަހާރަކޮށްލެވުނު އީރާނުގެ ކުރީގެ ދިފާއީ ވަޒީރުގެ ނާއިބު ޢަލީ ރަޟާ އަކްބަރީއާ މެދު އީރާނުން ކަންތައް ކުރީ ވަރަށް ވަހުޝީ ގޮތެއްގައި ކަމަށާއި އެކަން ކުރި މީހުންނަށް އަދަބެއް ނުދީ ނުތިބެވޭނޭ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
އީރާނުގެ އަދުލު އިންސާފާގުޅޭ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ”މީޒާން“އިން ބުނި ގޮތުގައި ޢަލީ ރަޟާ އަކްބަރީއަށް މަރުގެ ހުކުމް އިއްވައި އޭނާ ދަންޖެއްސީ އިނގިރޭސިވިލާތަށް އޭނާ ޖާސޫސް ކޮށްދެއްވުމުގެ ކުށް ސާބިތުވުމުންނެވެ.
ޢަލީ ރަޟާ އަކްބަރީ ދަންޖެއްސުމުން އިނގިރޭސިވިލާތުން އެކަމާ ރުޅިގަދަވެގެން އުޅެނީ އޭނާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއްގެ ގޮތުގައި ވެސް ރަޖިސްޓްރީ ކޮށްފައިވާ ބޭފުޅަކަށް ވާތީއެވެ.
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީރާނުގައި އިނގިރޭސި ނަސްލުގެ ރައްޔިތެއް ކަމަށްވާ ޢަލީ ރަޟާ އަކްބަރީ ދަންޖެއްސުމާ ގުޅިގެން އޭނާ ހުންނެވީ ފުން ހިތާމައިގައިކަމަށެވެ. އެއީ ވަހުޝީ އަދި ރަހުމުކުޑަ އަމަލެއްކަމަށާއި އެކަން ކުރީ ވަހުޝީ ސަރުކާރަކުންކަމަށް ވިދާޅުވެ އެކަން ކުރި މީހުންނަކީ އެބައި މީހުންގެ އަމިއްލަ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރާ ބައެއްކަމަށް ވެސް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޭމްސް ކްލީވަރލީ ކުރެއްވި ޓްވީޓެއްގައި ވެސް އެ ވަހުޝީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވަން ޖެހޭނޭ ކަމަށް ވިދާޅުވެފައިވެއެވެ.
”އެ އަމަލު ޗެލެންޖެއް ނެތި ނުދާނެ.“ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ލަންޑަންގައި ހުންނަވާ އެމެރިކާގެ ސަފީރު އެހާދިސާ ސިފަކުރެއްވީ ”ބިރުވެރި އަދި ހިތާމަވެރި“ ހާދިސާއެއްގެ ގޮތުގައެވެ.
އަނެއްކޮޅުން އީރާނުން ވަނީ އިނގިރޭސިވިލާތުން އީރާނުގެ ގައުމީ ސަލާމަތީ ކަންކަމަށް ހުރަސްނޭޅުމަށާއި އެކަމުގެ ތެރެއަށް ނުވަނުމަށް އެދިފައެވެ.
އީރާނުން ބުނީ ”އީރާނުގެ ގައުމީ ސަލާމަތަށް ހަމަލާއެއް ދިނުމަށް މެދުވެރިވާ އާދަޔާ ހިލާފު މުއާމަލާތްތަކުގެ ސަބަބުން އިނގިރޭސި ސަރުކާރުން ޖަވާބުދާރީ ވާންޖެހޭ“ ކަމަށެވެ.
”މިފަދަ ގާނޫނާ ޚިލާފު އަދި ޖިނާއީ އަމަލުތައް ކުރިއަށް ގެންދިއުމަކީ އެއްގޮތަކަށް ވެސް ތަހައްމަލު ކުރެވޭނެ ކަމެއް ނޫން!“ އީރާނުގެ އޮފިޝަލް ވިދާޅުވި އެވެ.

ޢަލީ ރަޟާ 2019 ވަނަ އަހަރު ހައްޔަރު ކުރިކަމަށް ވިޔަސް މަރުގެ ހުކުމް އިއުލާން ކުރީ މިދިޔަ ބުދަ ދުވަހުއެވެ. ހަމަ އެދުވަހު އޭނާ ވަނީ ދަންޖައްސާފައެވެ.
އީރާނުގައި ހުޅަނގުގެ ގައުމުތަކާއި އެމެރިކާއާއި އިޒުރޭލުން ހިންގާ ޖާސޫސީ ދާއިރާގެ މައުލޫމާތުގެ ބޭނުންކޮށްގެން އީރާނުގެ ވަރަށް ގިނަ މުހިއްމު ސައިންސްވެރިންނާއި ޢަސްކަރީ ވެރިން އަވަހާރަކޮށްލާފައި ވެއެވެ.