ދިރިއުޅުމުގެ ކަންތައްތަކުގައި އަބަދުވެސް އޮޅުން ބޮޅުން އަރާފައި ހުންނަން ޖެހޭކަމަށް ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރިއެއްކަމުގައިވާ ސަލްމާން ޚާން އެއްބަސްވެއްޖެއެވެ.
ދިރިއުޅުމުގެ ކަންތައްތަކުގައި އޮޅުންބޮޅުން އަރާކަމަށް ބުނެ ސަލްމާން ވާހަކަދެއްކީ ”ބިގް ބޮސް 16″ގެ ސެޓެއްގައި ދިން ބަސްދީ ގަތުމެއްގައެވެ.
މި އަހަރު އަންނަން ހުރި ސަލްމާންގެ ފިލްމުތަކުގެތެރޭގައި ކިސީ ކާ ބާއީ ކިސީކީ ޖާން، ޓައިގަރ 3، ޕަޓާން ހިމެނެއެވެ. މި މަހު 25 ގައި އަޅުވަން ހަމަޖެހިފައިވާ ”ޕަޓާން“ގައި އޭނާ ކުޅެފައި ވަނީ މެހުމާނެއްގެ ރޯލެވެ.
ސަލްމާން 2006 ވަނަ އަހަރުން ފެށިގެން ހުށަހަޅަމުންދާ ބިގް ބޮސްއަކީ އޭނާއަށް ވަރަށް ގިނަ އަދަދެއްގެ ލާރި ލިބޭ ސިލްސިލާއެކެވެ.
ސަލްމާން ހިންދީ ފިލްމީ ދުނިޔެއަށް ތައާރަފުވީ އޭނާ 1988ގައި ކުޅުނު ”ބީވީ ހޯ ތޯ އެއިސީ“އިންނެވެ. އޭގެ ފަހުން އޭނާ ކާމިޔާބު އަދި ވަރަށް މަގުބޫލު ވަރަށް ގިނަ ފިލްމު ކުޅެފައިވެއެވެ.

ޒުވާން އެތައް އަންހެނުންނަކާ ގުޅިގެން ސަލްމާން އުޅުނުކަމަށް ވިޔަސް އެއިން ގުޅުމެއް ކައިވެންޏަކާ ހަމައަށް ދެމިގެން ނުދެއެވެ. ވަރަށް ގިނަ އަންހެނުން ސަލްމާނަކީ އަނިޔާވެރިއެއްކަމަށް ބުނެފައިވެއެވެ. އެންމެ ފަހުން އެންމެ ގަދައަށް އެވާހަކަދެއްކީ ސޯމީ އަލީއެވެ.
އޭނާ ބުނިގޮތުގައި ސަލްމާނާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު ސަލްމާން އޭނާއަށް ކުރި ޖިސްމާނީ އަދި ޖިންސީ އަނިޔާތަކަށް ސަލްމާން މާފަށް އެދެން ޖެހޭނެއެވެ.
ދިރިއުޅުމުގެ ކަންތައްތަކުގައި އަބަދުވެސް އޮޅުން ބޮޅުން އަރާފައި ހުންނަން ޖެހޭކަމަށް ބުނި ސަލްމާން ޚާންގެ އުމުރުން 57 އަހަރު ވިޔަސް އަދި އޭނާ ކައިވެނީގެ ހަޔާތެއް ނުފަށައެވެ. އަދި އޭނާ ކައިވެންޏަކާ ކުރިމަތިލާނެ ދުވަހެއް ހަމަ އެކަކަށް ވެސް ނޭނގެއެވެ.