ތ.ވިލިފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވިލިފުށި ހިމެނޭހެން ހަތަރު ރަށެއްގައި އެއާޕޯޓު އަޅަން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލީ 2021 ވަނަ އަހަރުއެވެ.
ވިލިފުށީގައި އެއާޕޯޓު އަޅަން ހަ ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ސަރުކާރުން ބުނި ނަމަވެސް މިހާތަނަށް އެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފައެއް ނުވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ތ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ވިލިފުށީގައި ބޭއްވެވި ކެމްޕޭން ހަރަކާތުގައި ނަޝީދު ވަނީ ވިލިފުށީގައި އެ އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
”އަޅުގަނޑު ވެސް މިރޭ ވަޢުދެއްވާނަން. ވިލިފުށީގައި މި އެއާޕޯޓު ހެދުމަށް ކްރޮސް ސަބްސިޑީގެ އުސޫލުން އަޅުގަނޑުމެންގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރިއަށް ގެންދާނަން.“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަޖެޓުން ނުވަތަ ލޯނެއް ނަގައިގެން އެ މަސައްކަތް ކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. އަދި ބުއްދިވެރި ގޮތަކީ ފަޅުރަށެއް ނުވަތަ އެފަފ ބިމެއް ދިނުމަށްފަހު އެއާޕޯޓު ތަަރައްޤީކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.