ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އިއްވީ ”ހަރާމް ހުކުމެކޭ“ ކިޔުމުން އެންމެ އުނދަގޫވެވަަޑައިގަންނަވަނީ ހޯމް މިނިސްޓަރު އިމްރާނަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކޮންމެ ރެއަކު ކުރަމުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.
މިރޭ ކުރި މުޒާހަރާގައި ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ އެތަކެއް ކައުންސިލުތަކުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހަރާމް ހުކުމް ބާތިލުކުރުމަށް ގޮވާލާފައި ކަމަށެވެ.
”ހަރާމް ހުކުމޭ ކީމާ އިމްރާނަށް އެންމެ އުނދަގޫވަނީ. އިމްރާނަށް އެންމެ އުނދަގޫވަނީ އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖޭގެ އެތަކެއް ކައުންސިލުތަކުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހަރާމް ހުކުމް ބާތިލުކުރުމަށް ގޮވާލާފަ. މި މާލޭ ސިޓީ މޭޔަރު ވެސް މިހުންނެވީ. މޭޔަރު ވެސް ވަނީ ގޮވާލައްވާފަ. މި ގޮވާލުންތައް އިމްރާނަށް ހަޖަމްވާ ގޮތެއްނުވި. ވަރަށް ވަރުގަދަ އިންޒާރެއް އޮތީ ކައުންސިލުތަކަށް ދީފަ. މީ އެއްކަލަ ލާމަރުކަޒީ ނިޒާމު ބަނޑުން ވިހޭ މީހުން. ލާމަރުކަޒީ ނިޒާމަށް މި މީހުން މަލާމަތް ކުރަން ފަށައިފި. ލާމަރުކަޒީ ނިޒާމެއް ނެތްކަން ޔަޤީނުން ވެސް އިމްރާން ބުނެދީފި. ސަރުކާރު ބުނާހާ ގޮތަކަށް ބެރުޖަހަން ތިބި ބައެކޭ ދިވެހިރާއްޖޭގެ ކައުންސިލުތަކުގަ ރައްޔިތުން ހޮވާފަ މި ތިބީ އިމްރާނު އެ ވާހަކަ ބުނީ އިންޒާރުދީފަ.“
ނަމަވެސް ކައުންސިލުތަކުން ހަރާމް ހުކުމާ ދެކޮޅަށް ތެދުވެ އަނެއްކާވެސް އިމްރާނަށް ރައްދުދެއްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ބަޔާން ނެރުނީ ހަމައެކަނި ޕީޕީއެމް ފިކުރުގެ ކައުންސިލުތަކުން ނޫން ކަމަށާއި މުޅި ރާއްޖޭގެ ހުރިހާ ކައުންސިލުތަކުން ކަަހަލަ ގޮތަކަށް ހަރާމް ހުކުމާ ދެކޮޅަށް ބަޔާން ނެރުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.