ކޮޅުމަޑުލުގައި މަސްވެރިކަމުގެ ސިނާޢަތް ހީނަރުވަމުންދާތީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު މިހާރު ތ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ވިލިފުށީގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮޅުމަޑުލާއި ހައްދުންމައްޗަކީ މަސްވެރިކަމުގެ ބޮޑު ދެ އަތޮޅު ކަމަށާއި އެހެންނަމަވެސް މި ދެ އަތޮޅުގެ މަސްވެރިކަން ދުވަހަކަށްވުރެ ދުވަހަކު ހީނަރުވަމުންދާ ކަމަށެވެ. އަދި މަހަށްފުރާ ދޯނިތަކުގެ އަދަދު ވެސް މަދުވަމުންދާ ކަމަށެވެ.
“މަހުގެ އަގު ނުއުފުލޭކަމުން ދޯނިފަހަރަށް މަހަށް ފުރޭކަށް ނެތް. މިހާރު މި މަސް ގަންނަ އަގުގައި މަސް ބޭނީމާ ދޯނިފަހަރުގައި މަހަށްދާ މީހުންނަށް ލިބޭ އާމްދަނީ މާ ކުޑައީ. އެހެންވީމާ އެނޫން ގޮތަކަށް އާމްދަނީއެއް ހޯދުމަށް އެ މީހުން މަސައްކަތްކުރަނީ. މަހަށްދާ މީހުން މަދުވުން އެއީ ދިވެހިރާއްޖޭގެ އިގުތިސާދަށް ދިމާވާނެ ވަރަށް ބޮޑުކަމެއް.“
ނަޝީދު ވިދާޅުވީ މަހަށް ދިއުން މަދުވެއްޖެނަމަ ރަށުތެރޭގައި ދައުރުވާ ލާރި މަދުވާނެ ކަމަށާއި އެތައް އެތައް ގޮތަކުން އާމްދަނީ ދަށްވެ އިގުތިސާދު ހީނަރުވެގެންދާނެ ކަމަށެވެ.