ހާސްކަމުގައި ހުރި ރައްޔިތު މީހާ ހެއްވައިލި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ގެނެސްދެއްވި ބާނީއަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު މިހާރު ތ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވަސްވީ އަންހެނަކު ވަނީ އެތައް ދުވަހަކަށްފަހު ނަޝީދާ ބައްދަލުވުމުން އޭނާގެ އިހުސާސްތައް ބަންޑުންކޮށްލައިފައެވެ. އޭނާގެ އިހުސާސްތައް ބަންޑުންކޮށްލީ އުފާވެރިކަމުގެ ކަރުނައިންނެވެ.
އެ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކުރައްވައި ކުރެއްވި ޓުވީޓުގައި ދިޔާނާ ވިދާޅުވީ ނަޝީދަކީ ހާސްކަމުގައި ހުރި ރައްޔިތު މީހާ ހެއްވައިލި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ގެނެސްދެއްވި ބާނީ ކަމަށެވެ. އަދި ބޭނުމީ އެ ފިކުރުގެ ދިރުންކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުތަކުގައި ބައެއް ރަށްރަށުގެ ދުވަސްވީ މީހުން އެ މަނިކުފާނާމެދު ބަހައްޓާ ގާތްކަން ފެނިގެންދެއެވެ. އެ ގޮތުން ބައެއް މީހުން ޅެންބައިތުތަކުން ވެސް އެ މަނިކުފާނަށް މަރުހަބާ ދަންނަވައެވެ.