ރަޝިޔާގެ ޓީވީ ޗެނަލް، ރަޝިޔާ ޓުޑޭ އިން ކުރި ދިރާސާއަކުން ފާއިތުވި 2022 ވަނަ އަހަރުގެ އެންމެ ނުފޫޒުގަދަ އަރަބި ލީޑަރަކަށް ސައުދީ އަރަބިޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ހޮވިއްޖެ އެވެ.
ސައުދީ އަރަބިޔާއަށް ބޮޑެތި ބަދަލުތައް ގެނެސްދެއްވާ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، އޮންލައިންކޮށް ވޯޓުދިން މީހުންގެ 62.3 ޕަސެންޓް ވޯޓު ހޯއްދަވައިގެން، އަރަބި ދުނިޔެއިން ހޯއްދެވީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ވަކީއަހުދު މުޙައްމަދަށް ލިބިވަޑައިގެންނެވި ވޯޓުގެ އިންސައްތައަކީ ކުރީގެ ހުރިހާ ރެކޯޑެއް މުގުރާލާފައިވާ ނިސްބަތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ސައުދީ ވަލީއަހުދު އެ މަގާމު ކާމިޔާބު ކުރެއްވި ދެވަނަ ފަހަރެވެ.
މި ލިސްޓުގެ ދެވަނަ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން ހޯއްދެވިއިރު، އޭނާއަށް ލިބިވަޑައިގަތީ ޖުމުލަ ވޯޓުގެ 24.8 އިންސައްތައެވެ.
ސައުދީ ވަލީއަހުދު މުޙައްމަދު ވަނީ ހަމައެކަނި ތެލަށް ބަރޯސާވެފައިވާ ސައުދީ އަރަބިޔާގެ އިގުތިސާދު، އަލުން ބައްޓަންކޮށް ތަފާތު އެތައް ކަމަކަށް އިންވެސްޓް ކުރައްވައި ގައުމަށް އާމުދަނީގެ އިތުރު ދޮރުތައް ހުޅުއްވައި ދެއްވައި ރައްޔިތުންނަށް މިނިވަންކަމާއި ވަޒީފާގެ ފުރުސަތުތައް ހޯއްދަވައި ދެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
ސައުދީ އަރަބިއްޔާގައި އަންހެނުން ބާރުވެރި ކުރުވުމަށް ވަލީއަހުދު މުޙައްމަދު ގިނަ އިސްލާހުތަކެއް ގެންނަވާފައިވެއެވެ. އަދި އަންހެނުންނަށް މިނިވަންކަމާއި ބާރާއި ވަޒީފާ ހޯއްދަވައިދެއްވުމަށް ވެސް ގާނޫނުތަކަށް ލުއި ފަސޭހަ ގެންނެވުމުގައި މުޙައްމަދު އަދާކުރައްވާފައިވާ ދައުރު ވަރަށް މަތިވެރިއެވެ.