ކޮފީއަކީ ގިނަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ބެލެވުނަސް ކޮފީގެ ސަބަބުން ބައެއް ނޭދެވޭ އަސަރު ހަށިގަނޑަށް ކުރެއެވެ.
ދާދިފަހުން ކުރި ދިރާސާއަކުން ދުވާލަކު އެއް ތަށި ކޮފީއަށް ވުރެ ގިނައިން ބުއިމަކީ ލޭމައްޗަށް ދިއުން ހުންނަ މީހުންނަށް އިންތިހާއަށް ނުރައްކާތެރި ކަމެއްކަމަށް ދައްކައިފިއެވެ.
މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައިވާ ގޮތުން ޖަޕާނުގެ ތަޖުރިބާކާރުން ވަނީ ލޭގެ ޕްރެޝަރުގައި ކޮފީ އާއި ގްރީން ޓީ ބުއިމުން ލިބޭ ފައިދާތަކާއި ގެއްލުންތައް 19 އަހަރު ވަންދެން ދިރާސާކޮށްފަ އެވެ.
މި ދިރާސާގައި 1988 އާއި 1990 އާ ދެމެދު ބައިވެރިވެފައިވަނީ، އުމުރުފުރާތަކުގެ ތެރެއިން 40 އަހަރާއި 79 އަހަރާ ދެމެދުގެ މީހުންނެވެ.
މި ދިރާސާގައި 6،500 ފިރިހެނުންނާއި 12،000 އަންހެނުން ބައިވެރިކޮށްފައިވާއިރު، އޭގެ 19 އަހަރު ފަހުން އަލުން އިވެލުއޭޓްކޮށް ގިނަ ސުވާލުތަކެއްކޮށް އެ ދުވަސްވަރު މަރުވި މީހުންގެ ޑޭޓާ ބަލާފައިވެ އެވެ.
މި ދިރާސާގައި ރަޖިސްޓްރީ ކޮށްފައިވާ ވޮލަންޓިއަރުންގެ ތެރެއިން 842 މީހުން މަރުވެފައިވަނީ ހިތުގެ ބަލިތަކުގެ ސަބަބުންނެވެ.
އެ ޑޭޓާއިން ދައްކާ ގޮތުގައި ދިރާސާގެ ތެރޭގައި ހާޓް އެޓޭކް ފަދަ ހިތުގެ ބަލިތަކުގެ ސަބަބުން މަރުވި މީހުންގެ ލޭގެ ޕްރެޝަރު މަތިވެފައިވާއިރު، އެމީހުން ދުވާލަކު އެއް ތަށި ކޮފީއަށް ވުރެ ގިނައިން ބޮއިފައި ވެއެވެ.
ލޭމައްޗަށް ދިއުން ހުންނަ މީހުން ދުވާލަކު އެއް ތަށި ކޮފީ އާއި އެއް ތަށި ގްރީން ޓީ ބުއިމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް ދިރާސާއިން ދައްކަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި 8 އައުންސް ކޮފީގައި 100 މިލިގްރާމް ކެފެއިން ހިމެނޭއިރު ގްރީން ޓީގައި 50 މިލިގްރާމް ކެފެއިން ހިމެނެއެވެ.
ކެފެއިން ގިނައިން ބޭނުންކުރުމަކީ ހިތުގެ މައްސަލަތައް ދިމާވެދާނެ ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކޮށް، ލޭމައްޗަށް ދިއުމުގެ ޝިކާރައަކަށްވެފައިވާ މީހުން ދުވާލަކު އެއް ތަށީގެ ކޮފީއަށް ވުރެ ގިނައިން ބޯން ނުޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ހަމައެއާއެކު ކޮފީގެ އެހެން ބައެއް ފައިދާތައް ފާހަގަކޮށް ތަޖުރިބާކާރުން ވަނީ ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވުމަށް ކޮފީއަކީ އެހީތެރިވެދޭ އެއްޗެއް ކަމަށާއި ހަކުރުބަލީގެ ޓައިޕް 2 އިން ރައްކާތެރިވުމަށް ވެސް އެހީތެރިވެދޭ އެއްޗެއް ކަމަށް ވެސް ބުނެފައިވެއެވެ.