މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށްޓަކައި ފަންޑު ހޯދުމަށް ރާއްޖޭގެ ޓީވީތަކާ ގުޅިގެން މި ހަފްތާ ބަންދުގައި ހާއްސަ ޓެލެތޯނެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ, މިސްކިތްތައް މަރާމާތުކުރަން ފަންޑު ހޯދުމަށް ޓެލެތޯންއެއް ބޭއްވުމަށް ނިންމާފައިވަނީ, މިސަރުކާރުން، މިސްކިތްތައް ކައުންސިލާ ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލައި ކަމަށްވުމުން ކަމަށެވެ. އަދި މިސްކިތްތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު އެތަންތަން ބެލެހެއްޓުމަށް ރަނގަޅު ފަންޑެއް ބޭނުންވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
އެހެންކަމުން މިސްކިތްތަކުގެ މެއިންޓެއިން މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭގޮތަށް ނުކުރެވޭކަން ކައުންސިލުން ފާހަގަކުރިއެވެ.
ސިޓީ ކައުންސިލުން ބުނީ ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވޭނެ ކަމަށާއި، ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ޓެލެތޯން ބާއްވަން ނިންމީ އާންމުންނާއި ވިޔަފާރިވެރިންގެ އެހީއާއެކު މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަގްސަދުގައެވެ.
އެ ޓެލެތޯން ދައްކާނީ ޗެނަލް13 އިން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެ ޓެލެތޯން ދެއްކުމަށް އެހެން ޗެނަލްތަކާ އެކު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ބުންޏެވެ.
މިވަގުތު މާލޭ ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގެ 34 މިސްކިތެއް ބަލަހައްޓަ އެވެ.