ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގު ބޮޑު ގުރުއާން މުބާރާތް ”ރަން ތާޖް މުބާރާތް“ މިއަދު ލޯންޗުކޮށްފިއެވެ.
މި މުބާރާތް ކާމިޔާބު ކުރާ މީހަކަށް 300،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.
ރާއްޖެޓީވީ އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ”ރަންތާޖު“ ގުރުއާން މުބާރާތް ވަނީ މިއަދު ލޯންޗްކޮށްފައެވެ.
އެ ގުރުއާން މުބާރާތް ލޯންޗުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.
ރަންތާޖު ގެ ނަމުގައި ބާއްވާ މި ގުރުއާން މުބާރާތް ލޯންޗްކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދެ މިނިސްޓަރުން ވެސް ވަނީ، އެ މުބާރާތާއި މެދު ވަރަށް ބޮޑު އުންމީދެއް ކުރައްވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މުބާރާތަކަށްވުމުން، ބޮޑު ކާމިޔާބީއެއް ހާސިލުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މީގެއިތުރުން، ޔޫތު މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު، އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ޤުރުއާން މުބާރާތަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރަންތާޖު ގުރުއާން މުބާރާތުގެ ކުރިން މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮޑިޝަންތައް ބޭއްވުމަށް ފަހު 20 ބައިވެރިން އޮޑިޝަންގެ ތެރެއިން ހޮވާނެއެވެ.