އެގާރަވަނަ ބައި
ހިޝާމްގެ ބޮލުގެ އިސްތަށިގަނޑު އޮތީ ފުދޭވަރަކަށް ދިގުކޮށްފައެވެ. އެެހެންނަމަވެސް އެ މޫނުމަތިން މުސްކާންއަށް ފެނުނީ ކުރިންވެސް ފެންނަ އާދޭހުގެ ކުލަވަރެވެ.
މުސްކާންއަށް އިސްޖަހައިލެވުނެވެ. އެ ގޮތަށް ހިޝާމް މުސްކާންއަށް އާދޭސްކޮށްކޮށް ކިހާ ދުވަހަކު ހުންނާނެހެއްޔެވެ! ހިޝާމްގެ އެއްވެސް އެދުމަކަށް ދުވަހަކުވެސް މުސްކާން އާނބަސް ނުބުނެއެވެ. ވީއިރު ހިޝާމް އެހެން ދިމާއަކަށް ނުގޮސް އެހުރީ ކީއްވެހެއްޔެވެ! މިފަހަރު މުސްކާންގެ ހިތުގައި ހިޝާމްއަށްޓަކައި ހިނގައިލީ ހަމްދަރުދީއެވެ.
މުސްކާން ހިނގައިގަތީ ކުރިއަށެވެ. އަދި ކުރިއަށް އަރައިގެން ގޮސްގޮސް ތިބި ކޮއްކޮމެނާ އެއްހަމައަކަށް ގޮސް ހިނގުން މަޑުކޮށްލިއެވެ. އެެންމެން އެއްކޮށް ގޮސް މުސްކާންމެންގެ ގެއާ އަރާހަމަވުމުން ކޮއްކޮމެން ވަދެގެން ދިޔައީ އެތެރެއަށެވެ.
”ހުރިހާކުދިން ވެސް އަވަސްކޮށްގެން ކާން ނިކުމޭ! ދޮންތަ ދާން ޖެހޭނެނު ފިހާރައަށް!“ އެތެރެއަށް ވަދެވަދެ ތިބި ކޮއްކޮމެން ސަމާލުކުރުވުމަށްފަހު މުސްކާން އެނބުރިލީ އައިޝާއާ ދިމާއަށެވެ. ދެން އައިޝާގެ ލޮލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
”އައިޝާ، ޕްލީޒް! ހިޝާމަށް ވިސްނަދީބަލަ!“
”މަ ކިހިނެއް! އޭނަ އެއީ ކުޑަކުއްޖެއްތަ! އަޅެ އެންމެ ފަހަރަކުވެސް ….!“ އައިޝާ ވާހަކަ ހުއްޓައިލިއެވެ.
”ސްކޫލް ނިންމި ގޮތަށް ވަޒީފާއަކަށް ވެސް ނުގޮސްތަ އޭނަ އެ ހުންނަނީ! އެންމެން އެންމެން އެކި ދިމަދިމާލަށް ގޮސް ނިމިއްޖެ ނު. ވަޒީފާތަކަށް ނޫނީ ކޮންމެވެސް ރޮނގަކުން ކިޔަވަން….!“ މުސްކާން ބޭނުންވީ ހިޝާމްގެ ދިރިއުޅުން މިހާރު ކުރިއަށްދާގޮތެއް ބެލުމެވެ.
”ހިޝާމްވެސް ކިޔަވަނީއޭ! ރަށަކުން ވެސް ނޫން! ބޭރު ކޮންމެވެސް ގައުމަކުން…. އެއަރކްރާފްޓް އިންޖިނިއަރިންގ!“
”އެހެންތަ! ގުޑް!“ އައިޝާގެ ޖަވާބު އަޑު އިވުމުން ހަގީގގަތުގައި ވެސް މުސްކާން އުފާވިއެވެ. ސްކޫލްގައި އެމީހުން އެއްކޮށް ކިޔެވި އިރުވެސް ހިޝާމްއަކީ މޮޅުކުއްޖެކެވެ. އާދަޔާ ޚިލާފު ވިސްނުން ތޫނުކުއްޖެކެވެ.
”އެހެންވިއްޔާ އަހަރެން ދޭ މެސެޖެއް ހިޝާމަށް ރައްދުކޮށްދީ!“ މުސްކާން ހިފީ އައިޝާގެ އަތްތިލާގައެވެ.
”ކޮބާ!“ އައިޝާގެ ދެ ލޮލުގެ ވިދުން ގަދަވެގެންދިޔައެވެ. އެހެންނަމަވެސް އެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ.
”ބުނޭ އަހަރެން ބުންޏޭ ހިޝާމްއަށް އަބަދުވެސް އަހަރެން އެދެނީ ރަނގަޅުގޮތޭ! އެހެންނަމަވެސް ހިޝާމްގެ ދިރިއުޅުމުގެ ބައިވެރިއަކަށް އަހަންނަކަށް ނުވެވޭނެއޭ! އަހަރެންގެ ލޯބިވެރިއެއް ހުރެއޭ! އެހެންވީމަ ހިޝާމް ދެކެ ލޯބިވާ ރަނގަޅު ކުއްޖަކު ހޯދައިގެން ދިރިއުޅުމެއް ފެށުމޭ އަހަރެން އެދެނީ! ކިތަންމެ ދުވަހަކު ތިހެން ހުއްޓަސް ތި އުންމީދު ފުރިހަމައެއް ނުވާނެއޭ! ގުޑް ލަކްއޭ!“ މުސްކާންގެ ވާހަކަ ނިންމައިލިއިރު ހީވަނީ އެއީ ހިތު ދަސްކޮށްފައިވާ އިސްލާމް ފިލާވަޅެއް ކިޔައިލިހެންނެވެ.
މުސްކާންގެ ވާހަކަ ނިމުނުއިރު ވެސް އައިޝާ ހުރީ އެސްފިޔަ ޖަހައިލަން ވެސް ހަނދާން ނެތިފައެވެ. އަނެއްކާވެސް މުސްކާން މިދެއްކި ވާހަކައިން އައިޝާގެ ހިތުގައި އުންމީދު އާވެގެން ދިޔައެވެ. ހިޝާމްދެކެ އެންމެ ކުރިންވެސް ލޯބިވީ އައިޝާއެވެ. ތެދެކެވެ. އަބަދުވެސް މުސްކާން އައީ ހިޝާމްއަށް ”ނޯ“ ބުނަމުންނެވެ. އެހެންނަމަވެސް ލޯބިވެރިއަކު ހުރިވާހަކަ މުސްކާން ބުނި މިއީ ފުރަތަމަ ފަހަރުކަމަށްވުމުން އެއީ ކާކުތޯ ބެލުމުގެ ޝައުގު އައިޝާގެ ހިތުގައި އުފެދުނެވެ. އެކަމަކުވެސް އެ ސުވާލު ފަހުން ކުރަން ނިންމާ އައިޝާ ވެސް އެ ވަގުތަށް ވަކިވެގެން ދިޔައީ އެވެ.
ކޮއްކޮމެން ފާޚާނާއިން ނުނިމޭތީ މުސްކާން ފެންވަރައިގެން ނިކުމެ ކޮޓަރީގައި މަޑުކޮށްލިއެވެ. އައިޝާއާ އެކު ދެކެވުނު ވާހަކައިގެ ސަބަބުން ކޮންމެވެސް މީހެއްގެ ޚިޔާލު ހިތުތެރޭ އޮބި ނޯންނަވަރަށް ހިނގަންފެށުމުން މުސްކާން ނެގީ ފޯނެވެ. ފޯނުން މުސްކާން ހޯދީ ކޮންމެވެސް މީހެއްގެ ފޮޓޯއެކެވެ. އެމީހާ ހުރީ މުސްކާންއަށް ފުރަގަސްދީގެންނެވެ. އެއީ އިސްކޮޅު ދިގު ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ އުމުރުން ބާވީސް، ތޭވީސް އަހަރުގެ ޒުވާނެކެވެ. އޭނަގެ ބާމަތި ފުޅަލެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ ހެޔޮވަރު ވަރަކަށް ކޮށާލާފައެކޭ ނުބުނެވޭނެއެވެ. އެ އިސްތަށިގަނޑު މާބޮޑަށް ވެސް ފަނެވެ. އިސްތަށިގަނޑުން އަބަދުވެސް އޭނަގެ މޫނުމައްޗަށް ވެއްޓިފައި އޮންނަ އިސްތަށިކޮޅެއް އޭނާއަށް އުދަނގޫކުރާ ތަން މުސްކާން ދެކެއެވެ.
”ރިހާން!“ މުސްކާންއަށް މަޑުމަޑުން އެ ނަމުން ގޮވައިލެވުނެވެ. މުސްކާން ހިތުން ސިއްރުންނެވެ. މުޅި ދުނިޔެއަށް ވެސް ސިއްރުންނެވެ.
”ދޮންތާ! ހިނގާބަލަ ކާން!“ މުސްކާން ދިޔައީ ސިއްސައިގެންނެވެ. މުސްކާންގެ އެންމެ ހަނގު ކޮއްކޮ މަހާރަތު އައިސް ދޮރުހުޅުވައިލާ ކާންދާން ބުނި އަޑުންނެވެ.
”ހިނގާ އަވަހަށް!…. ކޮބާ ތުއްތަ!“ މުސްކާން ފޯނުލީ ޖިންސްގެ ޖީބަށެވެ.
އެރޭ މުސްކާން ފިހާރާގައި ހުއްޓާ އައިންތު ގުޅިއެވެ. އެއީ އައިންތު ގުޅާ ގަޑިއެއް ނޫނެވެ. ރޭގަނޑު އައިންތު ގުޅަންޏާ ގުޅަނީ މުސްކާން ފިހާރަ ބަންދުކޮށްލާފަ ގެއަށް ވަންނަ ގަޑިއާ ދިމާކޮށެވެ. މުސްކާން ރަށަށް އައި ފަހުން އައިންތުއާ މުސްކާންއާ ދެމެދު ކޮންމެ ދުވަހަކުވެސް ދެފަހަރު ނުވަތަ އެއް ފަހަރު ވާހަކަ ނުދެކެވޭ ދުވަހެއް ނާދެއެވެ. ދެމީހުންވެސް ކުރަނީ ކުރު ކޯލެކެވެ. އައިންތު ވެސް އަހާނީ ހާލު އަހުވާލެވެ. މިކޮޅުގަ ތިބި ކުދިންނާ އިންޑިއާގަ ތިބި މައިންބަފައިންގެ ވާހަކައެވެ. ވަކިވަކިންނެވެ. މުސްކާން އަހާނީ ގޭ އެންމެން ކިހިނެއްތޯއެވެ. ފާރޫގުބެމެންގެ ހާލުކިހިނެއްތޯ ވެސް އަހައެވެ. ނަމުން ކިޔާނީ އަބަދުވެސް ފާރޫގުގެ ވާހަކައެވެ. ގޭ އެންމެންގެ ތެރޭ ރިހާން ހިމެނޭތީ އެނަން ކިޔަން މުސްކާން ޖެހިލުންވަނީއެވެ.
”ހަލޯ މުސްކާން!“ އައިންތުގެ އަޑު އެހެންފަހަރުތަކާ ތަފާތެވެ.
”ދައްތާ ކީކޭ!“ މުސްކާންގެ ހިތުގައި ހިނގައިލީ ފާޑެއްގެ ނުތަނަވަސްކަމެކެވެ.
”ދައްތަބުނީ ….. ދައްތަ ބުނީ ފާރޫގުބެ ވަރަށް ބަލިވެގެން ހައިދަރު ދެންމެ ގުޅައިފި. ބުނީ ދައްތަ އަވަހަށް އެކޮޅަށް އަންނާށޯ!“ އެހިސާބަށް ބުނެވުނު އިރު އައިންތުއަށް ރޮވިގެން ވާހަކައެއް ނުދެއްކުނެވެ.
”ދައްތާ! ފާރޫގުބެއަށް ކިހިނެއްވީ!“ މުސްކާން ވެސް ހާސްވެއްޖެއެވެ.
”އެއްފަރާތް އެއްކޮށް ޕެރެލައިޒް ވީޔޯ! ވާހަކައެއް ވެސް ނުދެއްކެޔޯ އެއްވެސް ވަރަކަށް މިހާރު!“ އައިންތުގެ ވާހަކަ އަޑު އިވުމުން މުސްކާން ވެސް ވަރަށް ދެރަވިއެވެ. ބޭނުންވީ އެވަގުތު އައިންތު ކައިރީ އައިންތުއަށް ހިތްވަރުދޭން ހުރުމަށެވެ. އެހެންނަމަވެސް މިވަގުތު މުސްކާންއަށް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. ފޯނުން ބުނެލާ ހިތްވަރުގެ ދެތިން ބަހެއް ބުނެލުން ފިޔަވައެވެ. އުމުރުގެ ޅަކަމުން މިކަހަލަ ކަމެއްގައި މީހަކަށް ހިތްވަރުދޭނެ މާބޮޑު ބަސްކޮށާރެއް ވެސް މުސްކާންއަށް އެނގިފައެއް ނެތެވެ.
”ދައްތާ! ދެރަނުވޭ! އިރާދަކުރެއްވިއްޔާ އަދި ހުރިހާކަމެއް ވެސް ރަނގަޅުވާނެ!“ މުސްކާން ވަރަށް ގިނަވާހަކަ ދައްކަން ބޭނުމެވެ. އެކަމަކު އެކަމެއް ނުކުރެވުނެވެ.
”މުސްކާންއަށް ދައްތައަށް ކަމެއް ކޮށްދެވޭނެތަ!“ އެންމެފަހުން ކަރުނަ ފޮހެމުން އައިންތު ހަމަ ޖެހިލެވޭތޯ ބެއްޔެވެ.
”ބުނޭ! ދައްތަ ބުނި ކޮންމެކަމެއްވެސް ކޮށްދެވޭތޯ ބަލާނަން!“
”މާދަމާ ތި ރަށު ބޯޓް މިކޮޅަށް އެބަ އާދޭނު! މުސްކާން މިކޮޅަށް އައިސްދީ! ……މާދަމާ ހަވީރު އޮންނަ ފްލައިޓުން ދައްތަ އިންޑިޔާއަށް ދާން ބޭނުން!…. މިކޮޅުގަ ހުންނާނީ ރިހާން އެކަނި ދައްތަ ގޮއްސިއްޔާ!“ އައިންތުގެ އަޑުގައިވަނީ އާދޭހެވެ. އެއީ ހީވާގޮތުން އައިންތުގެ މުޅި ލައިފްގަ ވެސް މުސްކާންގެ ފަރާތުން އެދޭނެ އެންމެ ބޮޑު އެދުމެވެ. އެކަމަކު އެ އެދުން ފުއްދައިދޭން މުސްކާން ވަރަށް އަވަހަށް ވަރަށް ގިނަ ކަންކަން ނިންމަން ޖެހޭނެއެވެ.
”މާދަމާ ބޯޓުން ތިކޮޅަށް ދާން ވަރަށް މަސައްކަތް ކުރާނަން!….. އެެހެންވީމަ… އެހެންވީމަ…. އެބަ ގުޅަން!“ ތެޅިގެންފާ މުސްކާންއަށް ފޯނު ކަނޑައިލެވުނެވެ. ދެން ގޮނޑީގައި ހަމަޖެހިލެވުނެވެ. އަނގައިން ނިކުތީ ”އާހް!“ އެކެވެ. އެންމެ ފުރަތަމަ ކުރާނެ ކަމަކާ ދެން ކުރާނެކަމަކާ … ކަންކަން ސިކުނޑީގައި ރާވާލަން މުސްކާން ނެގީ މަދު ވަގުތުކޮޅެކެވެ. އެއަށްފަހު ގުޅީ އިންޑިއާއަށް މަންމައަށެވެ. ދެމައިން ކުޑަކޮށް ވާހަކަދައްކާލާ ބައްޕަ ބުނާއެއްޗެއް ބެލުމަށް ގުޅާނެ ގަޑި ބުނުމަށްފަހު މުސްކާން ފޯނު ކަނޑައިލިއެވެ. އެއަށްފަހު ގުޅީ މަންމަގެ ކޮއްކޮއަށެވެ. ހަފުތާއެއް ފަހުން މަންމަމެންނަށް ރަށަށް އާދެވެންދެން މުސްކާންގެ ކޮއްކޮމެންގެ ކަންކަން ބަލަހައްޓަދޭން މަންމަ އެދުނު ވާހަކައާ މަންމަ ބޮޑުދައްތައަށް ގުޅާނެ ވާހަކަ ބުނެފައި އެ ކޯލް ވެސް ކަނޑައިލިއިެވެ. އެ ގޮތަށް އެތައް ކޯލެއް މުސްކާން ކުރިއެވެ. އެއަށް ފަހު ހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ. ދެން ގުޅީ އައިންތަށެވެ. އަދި މާދަމާ މެންދުރުވާއިރު މުސްކާން ހުންނާނީ މާލޭގައި ކަމަށް ބުނެ ދަތުރު ތައްޔާރުކުރަން އައިންތު ގާތު އެދުނެވެ.
އައިންތު ފުރައިގެން ދިޔުމުން ރިހާން އެކަނިވެރިވާނެ ވަރު ހިތަށް އެރުމުން މުސްކާންގެ ހިތުގައި ރިއްސައިލިއެވެ. އެއަށްވުރެ ދުރަށް ޚިޔާލު ހިންގައިލުމުން ރިހާންގެ ދިރިއުޅުން އަނދިރިވެ އުދަނގޫވެގެންދާނެވަރު މުސްކާންގެ ހިތަށް އެރުމުން އެ ހިތް ތެޅިލިއެވެ.
ކަންކަން ހަމަޖެހިފައިވާގޮތަށް ކުރިއަށްދާނަމަ ޖެހިގެން އައިދުވަހު މުސްކާން ހުންނާނީ މެންދުރު ބާރަ ޖަހާއިރު މާލޭގައެވެ. އަދި އެގަޑިއަކީ އައިންތު އިންޑިއާއަށް ދާން ޗެކިންއަށް ގެއިން ނައްޓާލާ ގަޑިއެވެ.
އެދުވަހު ހެނދުނު ތެދުވީއްސުރެ އައިންތު އުޅުނީ ރިހާންގެ ބައެއްކަންތަކާ ދަތުރުގެ ބައެއްކަންތަކުގަ ވަރަށް އަވަދިނެތިއެވެ. ފަތިހު މުސްކާންއަށް ގުޅުމުން ވެސް ދަތުރުގެ ކަންކަން ވަރަށް އޮމާންކޮށް ކުރިއަށް ދާ ވާހަކަ ބުނުމުން އައިންތުހުރީ ވަރަށް ހަމަޖެހިފައެވެ.
އައިންތުގެ ސިކުނޑި ސުމަކަށް ދިޔައީ އައިންތު ގެއިން ނައްޓާލާ ގަޑި ޖެހުނު އިރު ވެސް މުސްކާންގެ ޚަބަރެއް ނުވުމުންނެވެ. އައިންތު ކޮންމެ ތާކު ހުއްޓަސް އޭނަގެ ކަންފަތް ހުރީ ފޯނުގެ ރިންގަށެވެ. އާއިލާގެ ދެތިން މީހަކު ގުޅި ކޮންމެ ފަހަރަކުވެސް އައިންތު ދުވެގޮސް ފޯން ނަގަނީ މުސްކާން ކަމަށް ހީކޮށެވެ. އެންމެ ފަހުން ހަަދާނެ ނަހަދާނެ ގޮތެއް ނޭނގި ގޮތްހުސްވެފައި އައިންތު ހުއްޓާ ސިއްސައިގެން ދިޔައީ ރިހާންގެ އަޑު އިވުމުންނެވެ.
”މަންމާ! ކޮންއިރަކު ނައްޓައިލަނީ! ލަސް ނުވޭތަ!“ ދަރިފުިޅުގެ އަޑު އިވުމުން އައިންތުގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގެންފިއެވެ. ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން ހުރި އައިންތުއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ.
”ދަރިފުޅާ! ދަރިފުޅުގެ ލޮލުގެ ފެނުން ދެއްވާށި! މަންމަ….. މިއަދު ވަރުގެ ހިތްދަތިވި ދުވަހެއް އަދި ނާދޭ! ދަރިފުޅުގެ ލޮލަށް …… އެހެންމީހުންނެކޭ އެއްގޮތަށް ….. ފެންނަ ނަމަ … މިއަދު، މިއަދު މަންމަޔާ ބައްޕަ ވިސްނަން ޖެހޭ އެއް ވެސް ކަމެއް ނޯންނާނެ!“ އައިންތުއަށް ގޮސް ރިހާންގެ ގައިގާ މަޑުމަޑުން ބައްދައިލެވުނެވެ.
މަންމަގެ އަޑު އިވި ތިމާގެ ހުރި ނުކުޅެދުންތެރިކަން މިހާ ވަރަށް އިޙުސާސްވި ދުވަހެއް ރިހާން އަކަށް ވެސް އަދި ތަޖުރިބާ ނުކުރެވެއެވެ. މަންމަގެ ފުރާގަޑި ފަސްދީ ދާއިރު މަންމަ އެހެރީ ރިހާންއާ ހެދި އެންމެ ކުޑަމިނުން ޗެކިންއަށް ވެސް ނުދެވިއެވެ. ވީދެރައިން ރިހާންއަށް އަތްހިއްލާލާ އަތުގެ އިނގިލަތައް މަންމަގެ މޫނުގައި ޖައްސައިލާ މަންމަގެ ކަރުނަތައް ފޮހެދެވުނެވެ. އަދި ހިތާ ހިތާ ދުޢާ ކުރެވުނެވެ.
“ އަދި އަހަރެންގެ ލޮލަށް ފެނި މަންމަމެންނަށް އެހީީތެރިކަން ފޯރުކޮށްދިނުމުގެ އުފާ އަހަންނަށް ލިބޭނެ!“
”އައްސަަލާމް ޢަލައިކުމް، ދައްތާ!“ އެއިވުނީ މުސްކާންގެ އަޑެެވެ. އައިންތުއާ ރިހާންއާ ދެމައިންނަށް އެއްފަހަރާ ސިޓިންގރޫމުގެ ދޮރާ ދިމާއަށް އެނބުރިލެވުނެވެ. އަދި އައިންތުއަށް ބޭއިޚުތިޔާރުގައި ބުނެލެވުނެވެ.
”އަވަހަށް އާދޭ! ދައްތަ މިހިރީ ނުދެވި!“ އައިންތުއަށް ހިނގައިގަނެވުނީ މުސްކާންއާ ދިމާއަށެވެ.
”ފޮށިއެއްޗެހި ަތއްޔާރުވެފަތަ ހުރީ!“ މުސްކާންގެ ނަޒަރުހުރީ ސިޓިންރޫމުތެރެއަށެވެ. އައިންތުގެ ފޮށި ހުރީ ކޮޓަރި ދޮރުމަތީގައެވެ.
”ކިހިނެއްވީ ލަސްވީ!“ އައިންތު ސުވާލުކުރިއިރު މުސްކާން ހުރީ އައިންތުގެ ފޮށީގެ އަތްގަނޑުގައި ހިފަހައްޓައިގެންނެވެ.
”ޗެކިން ނިމިގެން ދައްތަ ގުޅާ! އޭރުން ހަމަ ޖެހިލައިގެން ވާހަކަަދައްކާނީ! މިހާރު ވެސް މާލަސްވެއްޖެ!“ އައިންތު ގުޅީ ކާރަށެވެ. އޭރު ގޭ ކާރުދުއްވާ އައިންތުގެ ކޮއްކޮގެ ފިރިމީހާ މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން އައިންތުގެ އިންތިޒާރީގައި އޮތެވެ.
-ނުނިމޭ-