ފްރެންޗް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެކްލަބާއި އެކު ހަދާފައިވާ އެއްބަސްވުން އާކުރުމާމެދު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ބޭރުގެ ބައެއް ހަތަރު ފަތުރާ ވަސީލަތްތަކުން ހާމަކުރަން ފަށައިފިއެވެ.
އުމުރުން 35 އަހަރުގެ މެސި ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުން މިސީޒަން އާއެކު ހަމަވެގެންދާނެއެވެ. މިދިޔަ ހަފްތާގައި ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ހާމަކުރިގޮތުގައި މެސީ އަނބުރާ އެކްލަބަށް ގެނައުމަށް ވަރަށް ބޮޑަށް ބޭނުން ކަމަށެވެ. ބާސާގައި 21 އަހަރު ހޭދަކުރުމަށްފަހު މެސީ ޕީއެސްޖީއަށް 2021 ވަނަ އަހަރު ބަދަލުވީ ބާސާއަށް ދިމާވި މާލީ ދަތިތަކާހެދި މެސީ އެކްލަބްގައި ބެހެއްޓޭގޮތް ނުވުމުންނެވެ. ނަމަވެސް ބާސާއިން މިހާތަނަށް މެސީ އާއި އޭނާގެ ޓީމާއި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެސީ މިހާރުވަނީ ޕީއެސްޖީގައި އިތުރު އެއް އަހަރު މަޑުކުރަން އެއްބަސްވުމަކަށް އާދެވިފައެވެ. އަދި މިއީ ޕީއެސްޖީއާއި މެސީގެ ބައްޕަގެ މެދުގައި ވޭތުވެދިޔަ ހަތަރު މަސްވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް ފަހު އާދެވިފައިވާ އެއްބަސްވުމެއް ކަމަށް ހަބަރު ލިބެއެވެ. މިކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާފައިވަނީ ދޯހާގައި ޕީއެސްޖީގެ ޗެއާމަން ނާސިރު އަލް ހަލެއިފީ އާއެކު ބޭއްވި ބައްދަލުވުމަށްފަހު ކަމަށްވެއެވެ.
މެސީ ވަނީ މިހާތަނަށް ޕީއެސްޖީއަށް 53 މެޗް ކުޅެދީ 23 ލަނޑު ޖަހާދީފައެވެ. މެސީ ވަނީ މިހާތަނަށް ފީފާ ވާރލްޑް ކަޕްގެ ތަށީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރު، ކޮޕާ އެމެރިކާގެ ތަށި އެއްފަހަރު، ލަލީގާގެ ތަށި 10 ފަހަރު އަދި ލީގް އާންގެ ތަށި އެއްފަހަރު ކާމިޔާބުކޮށްފައެވެ.