ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
ދ.ހުޅުދެލީ ޝާރާޒް, ޢަލީ ޝާތިރު 15 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރީ 2021 ވަނަ އަހަރުގެ ޖުލައި މަހާއި، އޮގަސްޓް މަސްތެރޭގައި ކުޑަ އަންހެން ކުއްޖަކު އޭނާގެ ގާތަށް ޤުރްއާން ކިޔެވުމަށް ދިޔަ ދުވަހެއްގައި ކުއްޖާގެ ގާތު ”ވަރަށް ލޯބިވެޔޭ“ ބުނެ ކުއްޖާގެ މޭމަތީގައި އޭނާ އަތްލާފައިވާ މައްސަލައިގައެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއެވެ.
އޭނާ ދަޢުވާއަށް އިންކާރުކުރި ނަމަވެސް މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށް އެ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި އިއްވީ 15 އަހަރުގެ ޙުކުމެއް ނަމަވެސް، ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 13 އަހަރާއި 08 މަސް ދުވަހެވެ.