ގއ.ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ ޢުމުރަށް ޖަލަށްލާފައިވާ މުނިކާފަ އެހެން ކުއްޖެއްގެ ކައިރީ ޖިންސީ އަމަލެއް ހިންގަން އެދުނު މައްސަލައެއްގައި ދޮޅުމަސްދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
2020 ވަނަ އަހަރު ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ މުނިކާފަ އެ ރަށު އަންނާރުމާގޭ ޙަސަން މޫސާ ދީދީއާއި އެ ކުއްޖާގެ ކާފަގެ މައްޗަށް ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވައިފައެވެ.
2019 ޑިސެމްބަރު 19 ވަނަ ދުވަހު 18:00 ހާއިރު ކުޑަކުއްޖަކު އިތުރު ކުދިންތަކަކާއެކު މަގުމަތީގައި ކުޅެން ތިއްބައި ޙަސަން މޫސާ އެ ކުދިންނަށް ގޮވައި އެ ކުދިންނަށް ފައިސާދޭން މަސައްކަތްކޮށް އޭނާއާއެކު ކޮޓަރިއަށް ދިއުމަށް އެދި އޭނާއާއެކު ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދިފައިވާ މައްސަލައިގައި މިއަދު ވަނީ ޙުކުމް އިއްވައިފައެވެ.
އޭނާއަށް އުުފުލީ އާންމު ތަނެއްގައި ހުރި މީހަކު އެމީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދަޢުވާއެވެ. ޙަސަން މޫސާ ދީދީގެ ފަރާތުން ދަޢުވާއަށް އިންކާރު ކުރި ނަމަވެސް މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ލިޔެކިޔުންތަކުން މި ދަޢުވާއަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއް ކަމުގައި ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
ޢުމުރުން 82 އަހަރުގެ ޙަސަން މޫސާގެ މައްޗަށް ކުށް ސާބިތުވުމުން ވަނީ 01 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.