ވ.އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމަށް މިއަދު ކްރިމިނަލް ކޯޓުން އިއްވި ޙުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށާއި މަތީ މަރުހަލާގެ ކޯޓުތަކުން އެ ޙުކުމް ބާތިލުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސް ޔާމީންގެ ވަކީލު ޑރ.މުޙައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ކްރިިމިނަލް ކޯޓުން ޙުކުމް އިއްވީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުކުރަން ދައުލަތަށް އެންމެ ހެއްކެއް ވެސް ހުށަހެޅިފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީން ނުފޫޒުގެ ބޭނުން ކުރައްވައިގެން ކުރެއްވި އަމަލަކީ ކޮބައިކަމާއި އެ އަމަލު ކުރެއްވިކަމުގެ އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާ ކަމަށެވެ.
ޖަމީލު ވިދާޅުވީ މައްސަލައިގެ ރިޕޯޓު ލިބުނުހައި އަވަހަކަށް އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
އަދި އިސްތިއުނާފީ ކޯޓުގައި މި މައްސަލައިގައި ކާމިޔާބު ހޯއްދަވާނެ ކަމަށާއި އެކަމާމެދު ޝައްކެއް ނެތްކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޔާމީނާ ދޭތެރޭ ސަރުކާރުން ކުރަމުން އަންނަ ކަންކަމާމެދު ކަންބޮޑުވުންތައް އެބަހުރިކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.