ވ.އާރަށު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ދިނުމުގެ ދަޢުވާ ސާބިތުވެ އޭނާ ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ރިޝްވަތުދިންކަން ސާބިތުވުމުން ނަޢީމުގެ މައްޗަށް އިއްވީ 03 އަހަރާއި 02 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެކެވެ.
ނަޢީމުގެ ކުށުގެ ރެކޯޑާއި ސިއްހީ ހާލަތާއި ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު އަދަބު ލުއިކޮށްދިނުމަށް އޭނާގެ ފަރާތުން އެދިވަޑައިގަތް ނަމަވެސް ކުށް ކުރެއްވީ ރޭވިގެން ކަމަށްވާތީއާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވައިގެން ކުށް ކުރައްވާފައިވާތީ ގާޒީ އަޙްމަދު ޝަކީލް ވިދާޅުވީ އަދަބު ލުއި ނުކުރެވޭނެ ކަމަށެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވުމުން އިއްވީ 11 އަހަރަށް ޖަލަށްލުމަށާއި ފަަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށެވެ.