ވ.އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމަށާއި ފަަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވެވުމަށް ދައުލަތުން އެދުނީ ޖުމްލަ 19 އަހަރުގެ ޖަލު ޙުކުމެކެވެ.
ދައުލަތުން އެދުނު ގޮތް:
މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއަށް: ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 11 އަހަރުގެ ޖަލު ޙުކުމެއް.
ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ: 08 އަހަރުގެ ޖަލު ޙުކުމެއް.
މައްސަލަ ބެއްލެވި އިސް ގާޒީ އަޙްމަދު ޝަކީލް ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ 03 އަހަރާއި 02 މަހަށް ޖަލަށްލުން ކަމަށްވީ ނަމަވެސް ރައީސް ޔާމީން ކުށް ކުރައްވާފައިވަނީ ރައީސްގެ މަޤާމުގައި ހުންނަވައިގެން ކަމަށްވާތީއާއި އެކަމުގެ ސަބަބުން ރައްޔިިތުންނަށް ގެއްލުންތަކެއްވެފައިވާތީ އަދަބުގެ މިންވަރު އެއް ދަރަޖަ ބޮޑުކުރަންޖެހޭ ކަމަށެވެ. އެ ގޮތުން ރިޝްވަތުގެ ކުށުގައި 04 އަހަރަށް ޖަލަށްލުމަށް ގާޒީ ޙުކުމް ކުރެއްވިއެވެ.
ހަމައެހެންމެ މަނީ ލޯންޑްރިންގެ ޤާނޫނުގައިވާ ގޮތުން އެ ކުށުގެ އަދަބަކީ 05 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުންކަން ފާހަގަކުރައްވައި ގާޒީ ނިންމެވީ ރައީސް ޔާމީން ކުށް ކުރެއްވި ގޮތަށް ބައްލަވައި 07 އަހަރުގެ ޖަލު ޙުކުމަކާއި 05 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅުމަށެވެ. އަދި އެ ފައިސާ ހަމަސް ދުވަސްތެރޭ ދެއްކުމަށް ވަނީ އަންގަވައިފައެވެ.
މިއަދު ހިތައްއަރާ ރައީސް ނަޟީދުއައް ކުރިމަތިނުލެވި ކުރި ހަރާން ހުކުމުގެ މަތިން ވަރައް ހަދާންވާނެ ވަގުކަލޭގެ…. ސީދާ ޔާމިނު ބުނެގެން 13 އަހަރައް ކުރި ސިޔާސީ ހަރާން ހުކުމެއް އެއީ..