ދަރިވަރުން 2045 އަށް ކުރާ އުއްމީދުތަކާއި ދަރިވަރުންގެ މެދުގައި 2045 ވަނަ އަހަރު އަޅުގަނޑުމެންގެ ދުނިޔެ އޮންނާނެ ތަސައްވަރު ދައްކުވައިދޭ ފޮތް ”ދަ އިޔާރ 2045“ މިއަދު ވަނީ އިފްތިތާޙްކޮށްފައެވެ.
މި ފޮތުގެ ހުރިހާ މަސައްކަތަކީ ވެސް އުގައިލް ފައުންޑޭޝަނާއި އެޗް.ޑީ.ސީގެ ފަރާތުން ހިންގަވާ ދަ ސަރކަލްގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތެވެ. މި ފޮތް އިފްތިތާޙް ކޮށްދެއްވާފައިވަނީ އެޗް.ޑީ.ސީގެ މެނޭޖިންގެ ޑިރެކްޓަރ އަހްމަދު އާތިފުއެވެ.
އުގެއިލް ފައުންޑޭޝަންގެ އިސްނެގުމުގެ ދަށުން، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ ދަސަރކަލް އަކީ ކުޑަކުދިން އަދި ބޮޑެތިމީހުންގެ ވިސްނުން ތަރައްޤީކޮށް, އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަޤުޞަދުގައި ހިންގާ އެކަޑަމީއެކެވެ.
އުނގެނުމަށް ޝައުގުވެރިވާ, ޢިލްމީ, މަސައްކަތްތެރި، އަދި ފަންނުވެރި ދަރިންތަކެއް ބިނާކުރުމަށްޓަކައި 2019 ގައި ފެށި މި އެކަޑަމީގެ ޕްރޮގްރާމްތަކުގައި މިހާތަނަށް ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ.
ދަސަރކަލްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑަރސް އޮފް ޓުމޯރޯ، ކޯޑިންގ އެންޑް ކްރިޓިކަލް ތިންކިންގ، އެޑްވާންސްޑް ކޯޑިންގް އަދި ކްރިއޭޓިވް އިންގްލިޝް ހިމެނެއެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ބައިވެރިންނަށް އައު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން، ބައިވެރިންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ބޭނުންކުރެވޭނެފަދަ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުމެވެ.



ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގިނަ ޙިދުމަތްތަކެއް އަދި މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އެޗް.ޑީ.ސީގެ އިސްނެގުމުގެ މަތިން ދަނީ ކުރެވެމުންނެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ މަސައްކަތްތައް، އަދި ވަކިން ޙާއްސަކޮށް އިލްމީ ޖީލެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރު ކުރެވިގެން ދާނެ ކަމުގެ ޔަޤީންކަން މި ހަފުލާގައި ވާހަކަ ދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ވަނީ އަރުވާފައެވެ.