ކުރީގެ ރައީސް ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެގިކަމާއި މަނީ ލޯންޑާކުރުމުގެ ކުށް ދެންމެ ވަނީ ސާބިތުވެފައެވެ.
އެގޮތުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ދައުލަތުން އެދުނީ ރައީސް ޔާމީންގެ މައްޗަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. އަދި މަނީ ލޯންޑަރިންގެ ކުށަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ވެސް ދައުލަތުން އެދުނެވެ.
ރިޝްވަތު ގަބޫލުކުރުމަކީ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އަދި އެ ކުށަށް ކަނޑައެޅޭނެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ.
ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން އެދުނީ އަދަބާއި ގުޅޭ ގޮތުން ވާހަކަދައްކަން ތައްޔާރުވުމަށް ދިހަ ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ނިންމެވީ މިއަދު 14:00 ގައި އަދަބާއި ގުޅޭ ގޮތުން ވާހަކަދެއްކުމަށް އަޑުއެހުމެއް ބޭއްވުމަށެވެ.