ކްރީމްޖެހި ބަނަހަކަށް އެލާޖިކްވެ ފަރުވާ ހޯދަމުންދިޔަ އުމުރުން 31 އަހަރުގެ މަރިޔަމް ޒައީމާ މިއަދު ނިޔާވެއްޖެއެވެ.
ހޮސްޕިޓަލުގެ ކެންޓީނުން ގަތް ބަނަހެއް ކެއި ފަހުން މަރީ އެލާޖިކުވެ، އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާގެ ހާލު މާ ބޮޑަށް ދެރަވީ އިމަޖެންސީގައި ފަރުވާދިންއިރު، އިންޖެކްޝަނެއް ޖެހި ފަހުންނެވެ.
ޒައީމާ މަރުވެފައިވަނީ އިންޑިއާގެ އެސްޓާ މެޑިސިޓީ ހޮސްޕިޓަލުގައެވެ.
އާއިލާގެ އެދުމަކަށް އައިޖީއެމްއެޗުން ކުރި ތަހުގީގަށް ފަހު، މިދިޔަ އަހަރު ޖުލައި މަހު އާއިލާ އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އިމަޖެންސީގައި މަރީއަށް ފަރުވާ ދިން އިރު، އެލާޖިކުވުމުން އާންމުކޮށް ދީ އުޅޭ އިންޖެކްޝަނެއް ކަމަށްވާ ހައިޑްރޯކޯޓިސޯން ދިނުމުން ވެސް އޭނާގެ ހާލު ރަނގަޅު ނުވި ކަމަށެވެ. އެހެންވެ ފަހުން ދިނީ އެލާޖިކުވުމުން ދޭ އެހެން އިންޖެކްޝަނެއް ކަމަށްވާ އެޑްރެނަލިން ކަމަށް ސިޓީގައިވެ އެވެ.
ޒައީމާ މަރުވިއިރު އޭނާ އަކީ އެކަނިވެރި މައެކެވެ. ދިހަ އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ހުރެއެވެ. ޒައީމާގެ ހުންނަ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ވަރަށް ގިނަ އެއްޗިއްސަށް އޭނާ ކުރުންސުރެވެސް އެލާޖިކްވެއެވެ.
ޒައީމާ އަކީ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރި މީހެކެވެ. އޭނާ ވަނީ ޓީވީއެމް އަދި ދިޓީވީގައި ވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.