ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
މިހާރު ކުރިއަށްދާ ޝަރީއަތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އިތުރު ފައިސާތަކަކާ އެކު ޔާމީން އެ ފައިސާ އިންވެސްޓް ކޮށްފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން އާރަށް މައްސަލާގައި ރިޝްވަތު ހޯދަން ޔާމީން މަސައްކަތް ކުރެއްވިކަން ސާބިތުވެފައި ވާއިރު، އޭގެފަހުން ޔޫސުފް ނައީމްގެ ފަރާތުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ވެސް އެނގޭނެ ކަމެއް ކަމަށެވެ.
ހުކުމުގައިވާ ގޮތުން ޔާމީނަކީ އެވަރުގެ އާމްދަނީއެއް ސައްހަ ގޮތުގައި ލިބޭނެ ފަދަ ބޭފުޅެއް ނޫނެވެ. އެހެންވެ، ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގެ އުންސުރުތައް ވެސް އެ މައްސަލާގައި ފުރިހަމަވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ކޮނެމެހެންވެސް ދިވެހިންގެ ފައިސާއިން ގަނެ، ހަދާފައިހުރި ގަޑުވަރު ސަރުކާރަށް ނެގެންޖެހޭނެއެވެ.
އަލްޙަމްދުﷲ! ބޮޑު ވަގަކަށް ހާސްދުވަސް ދެވިއްޖެއެވެ. މިފަހަރު ހައްގު އަދަބު ދޭންޖެހޭނެއެވެ. ތިޔައީ މުޅި ގައުމުގެ ހަލާކެވެ.