ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެހެން ދެ މިނިސްޓްރީއަކަށް ސަރުކާރުން ބަދަލުކޮށްފި އެވެ.
މިކަން ކަށަވަރު ކޮށްދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރިޔާޒު، ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޝިމާޒް ބަދަލުކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރި ދެ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި މިއަހަރުގެ މެއި 29 އިން ފެށިގެން ރިޔާޒު ހުންނެވީ ސަސްޕެންޝަންގަ އެވެ.
ޝިމާޒުގެ މައްޗަށް ކޮށްފައިވަނީ ގަވައިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކުރުންފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ އިތުރުން މިނިސްޓްރީގެ ބައެއް ބޭފުޅުންގެ އަބުރަށް އަރައިގެން ކަމުގެ ތުހުމަތުތަކެކެވެ.
އެމްއާރުއެމްގެ ޖާގައެއްގައި މިނިސްޓަރު ކަމަށް ހަމަޖެއްސި ޝިމާޒު އެ މައްސަލަތަކާ ހެދި ވަކިކޮށްދިނުމަށް އެދި ރައީސް އޮފީހުގައި ވެސް މިނިސްޓަރު އައިޝަތު ނަހުލާ އެދިވަޑައިގަތެވެ. އެކަމަކު، އެ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގުކުރައްވަ އެވެ.