ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން މައްސަލައިގައި އައްބާސް އާދިލް ރިޒާ ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
އޭނާ ހައްޔަރު ކުރީ އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އާއި މި ވެރިކަމުގެ ކުރީކޮޅު ފުރުއްވި އައްބާސް އާދިލް ރިޒާ މި ހައްޔަރުކުރީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން އައްބާސްގެ ނަމުގައި ހިންގާ އެކައުޓަކުން މިދިޔަ ހުކުރު ދުވަހު ޓުވީޓް ކޮށްފައި ވަނިކޮށެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ވެސް ފުރުއްވި އައްބާސް އާދިލް ރިޒާގެ ނަމުގައި ކުރި އެ ޓްވީޓެއްގައި ބުނީ އައްޑޫގައި ފެބްރުއަރީ 8 ގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. ނަމަވެސް، އެކަމުން ލިބުނު ގެއްލުމުން އަދި އޮތީ ބަދަލު ނުހިފި ކަމަށް، ހުޅުޖަހާފައި ހުރި ފޮޓޯތަކާއެކު ކުރި ޓްވީޓުގައި ވެ އެވެ.
އައްބާސްގެ ގޮވާލުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީ އަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ.