ދިރާގަށް ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނުދިނުމުން، އެ ކުންފުނިން ފޯރުކޮށްދެމުން އައި ދިރާގު ޓީވީ އާއި ދިރާގު ޕްލޭއާ ބެހޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމައިފިއެވެ.
ދިރާގުޓީވީ އާއި ދިރާގުޕްލޭއާ ގުޅޭ އެންމެފަހުގެ ނިންމުން އިއުލާނު ކުރުމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އާ ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް ނިންމައިފައިވާ ކަމަށެވެ.
އެމްބީސީން ވަނީ ބޭރުގެ ޙިއްޞާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުން މަނާކޮށްފައެވެ.
ޤަވާއިދަށް ގެނައި މި ކުއްލި ބަދަލާ ގުޅިގެން، އިންސާފުވެރި ހަމަތަކުގެ މަތިން ހިންގާ ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއްނެތި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ކުރިއަށް ނުގެންދެވޭނެތީ، އެކަން ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މި އަހަރު ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ދިރާގުންވަނީ ކޮށްފައެވެ.
”ލައިސަންސް އާ ވާނެކަމުގެ ޔަޤީންކަމެއް ނެތުމުގެ ސަބަބުން ޕްލޭންތަކާ އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި ގެއްލުންތަކެއް ވަނީ ވެފައި،“ އެކުންފުނީގެ ބަޔާނުގައި ވެއެވެ.
ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައި މިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ކުންފުންޏާއި ޙިއްޞާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުންވަނީ ނިންމާފައެވެ.
އެގޮތުން، ޤަވާއިދުގައިވާ ގޮތުގެމަތިން ޚިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، 29 ޖެނުއަރީ 2023 އަކީ ދިރާގުޓީވީ އަދި ދިރާގުޕްލޭ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސްކަމުގައި ވަނީ އިއުލާންކޮށްފައެވެ.
ދިރާގުން މިނިންމުން ނިންމަންޖެހުނީތީވެ ނުހަނު ހިތާމަކުރާކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި ވަނީ މަޢާފަށް އެދިފައެވެ.
”ކަންމިހެން އޮތްނަމަވެސް، މިދަނޑިވަޅުގައި ދިރާގުން އެންމެ އިސްކަމެއްދީފައިވާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ދިރާގުޓީވީ ކަސްޓަމަރުންނަށް، ތަފާތެއްނެތި ރަނގަޅު ފެންވަރެއްގައި އައިޕީޓީވީ ޚިދުމަތްތައް އިޚްތިޔާރުކުމުގެ ފުރުޞަތުން މަހްރޫމްވިޔަނުދީ، އެކަމަށް ހައްލެއް ހޯދައި ދިނުމަށް،“ ދިރާގުން ބުންޏެވެ.
މީގެ އިތުރުން، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑާއިއެކު ކުރެވުނު މަޝްވަރާތަކުން، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއިއެކުވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
އަދި، އާ ރީބްރޯޑްކާސްޓަރުގެ ޚިދުމަތަށް ބަދަލުވާން ބޭނުންވާނަމަ، އެކަން ފަސޭހަކަމާއިއެކު ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާއިބެހޭ އިތުރު ތަފްސީލު ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ޙިއްޞާ ކުރެވިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް ރާއްޖޭގެ 85 ޕަސެންޓް ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް ލިބުމަށްވަނީ މަގުފަހިކޮށްދީފައެވެ.