ފުޓުބޯޅައިގެ ތާރީޚުގައި ވެސް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕު މުބާރާތް، ނިންމާލުމަށްފަހު ޗުއްޓީ ހޭދަކޮށްލުމަށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ އަތުވެއްޖެއެވެ.
އޭނާ ރާއްޖެ އައިސްފައި ވަނީ ހަ މީހުންނާއެކު ޕްރައިވެޓް ޖެޓެއްގައި ކަމަށާއި ޗުއްޓީ ހޭދަކުރުމަށް އައީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވޯލްޑްރޮފް އެސްތޯރިއާއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ރިސޯޓުގައި ފީފާގެ ރައީސްގެ އިތުރުން ކްރޮއޭޝިއާގެ ކެޕްޓަން ލުކާ މޮޑްރިޗް ވެސް އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ.
މި މަހުގެ ތެރޭގައި މީގެއިތުރުން ވެސް ގިނަ ފުޓުބޯޅަ ތަރިންތަކެއް ރާއްޖެ އައިސްފައިވެއެވެ. އެގޮތުން އުރުގުއާއިގެ ފޯވާޑް ލުއިސް ސުއަރޭޒްއާއި ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާގެ ނަން ފާހަގަކޮށްލެވެއެވެ.
މިއީ ފީފާގެ ރައީސަކު ރާއްޖެ އައި ދެވަނަ ފަހަރެވެ. މީގެކުރިން ފީފާގެ ކުރީގެ ރައީސް ޖޯސެފް ބްލެޓާ ރާއްޖެ އައިސްފައިވެއެވެ.