ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތީ މިރޭގެ ވަގުތެއްގައި ކަމަށެވެ.
ރައީސް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ދާންދުއަށެވެ. އެއަށްފަހު ނިލަންދުއަށާއި މާމެންދުއަށެވެ.
ދަތުރުފުޅުގެ އުސްއަލިތައް:
ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވި.
އެ ތިން ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވި.
ދާންދޫ ބިންހިއްކުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި.
ނިލަންދުއާއި މާމެންދޫގައި އަލަށް ޢިމާރާތްކުރެވުނު ދެ އިންޖީނުގެ ހުޅުއްވައިދެއްވި.
ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.