ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ އެމްޑީޕީގެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް 20,000 އަަށްވުރެ ގިނަ މެމްބަރުންގެ ތާއީދާއެކު ރައީސް ޞާލިޙްގެ ކެންޑިޑަސީ ފޯމު މިއަދު ހުށަހަޅުއްވާފައިވާ ކަމަށް ކެމްޕޭން މެނޭޖަރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް މިއަދު ވަނީ ވިދާޅުވެފައެވެ.
އެ ގޮތުން ރައީސް ޞާލިޙަށް މަރުހަބާ ވިދާޅުވެ މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެން އޮތީ ކެމްޕޭނުކޮށްފައި ވޯޓުލުން ކަމަށާއި ބޮޑު ތަފާތަކުން ޞާލިޙް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެކަމަށެވެ.
”މީ މެމްބަރުންގެ އެމްޑީޕީކަން ކަށަވަރު ކުރާނެ އިންތިޚާބު. އެންމެންގެ ވޯޓު ރ.އިބޫ 2023 އަށް.“
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަކުރައްވާނީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ.