ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ރައްޔިތުންނަށް ބޭނުންވާ ހައްޤުތައް ހޯއްދަވައި ދެއްވައި ފުރިހަމަ ހެޔޮވެރިކަމެއް ކޮށްދެއްވައިފިކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕާޓީގެ ޕްރައިމަރީގައި ރައީސް ޞާލިޙަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އަމީރު ވިދާޅުވީ ދިމާވި ހުރިހާ ކާރިސާތަކާއެކު ވެސް ރާއްޖޭގެ އިގުތިސާދު ކޮޅަށްޖައްސަވައި ޒަމާނުއްސުރެ ރައްޔިތުންނަށް ބޭނުންވެފައި ހުރި ހުރިހާ އަސާސީ އިޖްތިމާޢީ ހައްޤުތަކެއް މި ދައުރުގެތެރޭގައި ރައީސް ޞާލިޙް ހޯއްދަވައި ދެއްވައިފި ކަމަށެވެ. އަދި އަމީރު މިވެރިކަން ސިފަކުރެއްވީ ފުރިހަމަ ހެޔޮވެރިކަމެއް ކަމަށެވެ.
”ދިމާވި ހުރިހާ ކާރިސާތަކާއެކު ވެސް ރާއްޖޭގެ އިގުތިސާދު ކޮޅަށްޖަހައި ޒަމާނުއްސުރެ ރައްޔިތުންނަށް ބޭނުންވެފައި ހުރި ހުރިހާ އަސާސީ އިޖްތިމާޢީ ހައްޤުތަކެއް ހޯދައިދީ ފުރިހަމަ ހެޔޮވެރިކަމެއް ރައީސް ޞާލިޙ މިދައުރު ތެރޭ ކޮށްދެއްވައިފި. ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕާޓީގެ ޕްރައިމަރީގައި އަޅުގަނޑުގެ ފުރިހަމަ ތާއީދު ރައީސް ޞާލިޙަށް.“
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙް ވާދަކުރައްވާއިރު އެޑިއުކޭޝަން މިނިސްޓަރު ވެސް މިއަދު ވިދާޅުވީ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްދެއްވި ރައީސް ޞާލިޙަށް ”އަޅުގަނޑުގެ ތާއީދު“ އެބައޮތް ކަމަށެވެ.