ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވާ ވ.އާރަށުގެޚިޔާނާތުގެ މައްސަލައިގައި މާދަމާ ޙުކުމު ކުރެއްވުމަށް ތާވަލުކޮށްފައިވާއިރު ޕީޕީއެމްގެ ސަޕޯޓަރުން ކަރާ މާރުކޭޓު ސަރަހައްދަށް އެއްވާން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިޒޯޓު ތަރައްޤީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑަރ ކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ދައުލަތުން ދެ ދަޢުވާއެއް ވަނީ އުފުލައިފައެވެ.
އެއީ މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ ގޮތުން ޙުކުމް ކުރުމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ މާދަމާ 09:00 ގައެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިރޭ ވަނީ ޢުމުރުން 18 އަހަރުން މަތީގެ ދެޖިންސުގެ ޒުވާނުން މާދަމާ ހެނދުނު 08:00 އަށް މާލޭ ކަރާމާރުކޭޓް ސަރަހައްދަށް ހާޒިރުވެދެއްވުމަށް ގޮވާލައްވައިފައެވެ.