ސަރުކާރުން ރަށްރަށުގެ މަޝްރޫޢުތައް ކުރިޔަށް ގެންދަން ބޭނުންވަނީ ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މާމެންދުއަށް ވަޑައިގެން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޞާލިޙް މިއަދު ވަނީ އެ ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މާމެންދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން ރަށްރަށުގެ މަޝްރޫޢުތައް ކުރިޔަށް ގެންދަން ބޭނުންވަނީ ކައުންސިލުތަކާއި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހު ރައްޔިތުންގެ ބޭނުންވާ ގޮތަށް ކަމަށެވެ.
މި ބައްދަލުވުމުގައި މާމެންދޫ ކައުންސިލުން ވަނީ އެ ރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސް ޞާލިޙާ ހިއްސާ ކުރައްވާފައެވެ.
ކައުންސިލް މެންބަރުން ފާހަގަކުރެއްވެވި ކަންކަން:
ރަށްގިރުމުގެ މައްސަލަ ހައްލުކުރަން ޖެހިފައިވާކަން.
ކައުންސިލް ޢިމާރާތް ބާވެފައިވުމުން އައު ޢިމާރާތެއް ބޭނުންވާކަން.
މާމެންދޫގެ އިޙްތިޞާޞްގައި ހުޅިމެންދޫ ހިމަނައިދެއްވުމަށް.
ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް.
މާމެންދޫގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށްދެއްވުމަށް.
ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދަންޖެހިފައިވާކަން.
ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ދެވޭނެ ގޮތެއް.
ސްކޫލަށް ބޭނުންވާ ކަންކަމާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމަށް.
ވޮލީ ކޯޓު އެޅުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް.
މީގެއިތުރުން އ.ތ.މ. ކޮމިޓީން ވަނީ އަންހެނުންނަށް ޚާއްސަ ޖިމްއެއް ބޭނުންވާ ކަމަށާއި އޮފީސް ޢިމާރާތެއް ނެތުމުން ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ.
އެ ގޮތުން ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން އެ ކަންކަމަށް އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.