ޖަލަށް ލިޔަސް ރައީސް ޔާމީންގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް، ޕީއެންސީން ރޭ ބޭއްވި ”ފެލާލައިފި“ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ނުފޫޒު ނެތް އެއްވެސް ދިމާލެއް މިހާރު ނެތް ކަމަށާއި، އިންޑިއާގެ ބޮޑު ވަޒީރު ބޭނުންވެއްޖެ ނަމަ އެމަނިކުފާނު އަނެއްކާވެސް ޖަލަށް ވަޑައިގަންނަވަން ޖެހިދާނެ ކަމަށެވެ.
އެމްއެމްޕީއާރްސީ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދެދައުވާއެއްގެ ޙުކުމް ކުރުން އަންނަ މާދަމާއަށް ވަނީ ތާވަލް ކޮށްފައެވެ. އެމައްސަލަ ސާބިތުވެއްޖެނަމަ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުން އެކަށީގެންވެއެވެ.
ޔާމީން ވިދާޅުވީ އިންސާފު ގާއިމު ކޮށްދިނުން އެއީ ފަނޑިޔާރުންގެ ބޮލުގައި އެޅިފައި އޮންނަ ވަރަށް މުހިއްމު ޒިންމާއެއް ކަމަށާއި، ފަނޑިޔާރުން ކުރާ ކަންތައްތަކަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.
”މިސަރުކާރު ބަދަލުވާކަށް ގިނަ ދުވަހެއް ނެތް. ސަރުކާރު ބަދަލުވާ ދުވަހަކު ޒީރޯ ޓޮލެރަންސްގައި އަޅުގަނޑުމެން ކަންކަން ކުރާނަން. ހުރިހާ ވަގުން ހިފާނަން. މިސަރުކާރުގައި ތިބި ވަގުންނަށް އެދުވަހަކުން ނުކެރޭނެ ތަހްގީގަކާއި ކުރިމަތިލާކަށް.“ ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ދެން ސަރުކާރު ބަދަލުވާން މާ ގިނަ ދުވަސް ނުނަގާނެ ކަމަށެވެ. މީގެއިތުރުން، ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކުރަން ފަށަފިނަމަ އެއްވެސް ބޭފުޅަކަށް އެކަންކަމާ ކުރިމަތި ލާން ނުކެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޔާމީން ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ އެންމެ ބޮޑު މޭސްތިރިޔާ ކަމަށްވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ”ހައްޔަރު ކުރުމުގެ ބަދަލުގައި ފޮރުވައިގެން ތިގެންގުޅެނީ ކީއްވެތޯ؟“ ސުވާލު ކުރައްވާފައެވެ.