ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖެހުމަށް އިދިކޮޅު ޕީޕީއެމް މެމްބަރު އައްބާސް އާދިލް ރިޒާ ގޮވާލި މައްސަލަ ރާއްޖޭގެ ގިނަ ސިޔާސީ ޕާޓިތަކުން ކުށްވެރިކޮށްފިއެވެ.
ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އެމްޑީޕީގެ މެމްބަރުން ހިންގި ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ވިދާޅުވެ އައްބާސް ވަނީ އެކަމުގެ ބަދަލު ހިފުމަށް ގޮވާލައި ޓްވީޓްކުރައްވާފައެވެ. އޭނާ ވިދާޅުވީ އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިއަން އެންބަސީގެ ކިބައިން އެކަމުގެ ބަދަލު ހިފަން ފަށާން ޖެހޭ ކަމަށެވެ.
މިކަން ކުށްވެރިކޮށް އެމްޑީޕީ. އެމްއާރްއެމް އަދި އެމްޓީޑީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާ ހައި ކޮމިޝަނުގައި އަލިފާން ރޯކޮށްލުމަށް ގޮވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެކަން ތަހުގީގު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
އަދި، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ އަވަށްޓެރި ގައުމުތަކާ މެދު ނަފްރަތު އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ވެސް ކުށްވެރި ކުރާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އައްބާސް އާދިލް ރިޒާ އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރިޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޗެނަލް 13ގެ ލައިވް ޕްރޮގްރާމެއްގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލާފައިވަނިކޮށް، އެކަމަށް ހިތްވަރު ދެއްވައި ވެސް އޭނާ ވާހަކަ ދައްކަވާފައިވެއެވެ.