ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކޮރަޕްޝަންގެ މައްސަލަތައް ބަލާ، ފުރިހަމަ ތަހުގީގެއް ނުހިންގުނު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތެވެ. މި ހިޔާނާތުގެ ތެރެއިން ފަޅުރަށްތަކާއި ފަޅުތައް ހިމެނޭހެން 30 ތަނެއް ވިއްކާލިއެވެ. އެތަންތަން ވިއްކާލައިވެން ލިބުނު 1.5 ބިލިއަން ރުފިޔާ ވަނީ ދައުލަތުގެ އެކިއެކި ވެރިންނާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ގާތް އެކުވެރިންނަށް ބަހާލާފައެވެ.
”އެމްއެމްޕީއާރްސީގެ ހިޔާނާތާއި ވެންޓިލޭޓަރު ހިޔާނާތަށް ދައުވާކޮށް ހުކުމް އިއްވުމުން ފައިސާއަށް ވީގޮތް ސާފުވާނެ، ރައީސް ޞާލިހްގެ ދައުރު މި ނިމެނީ، އަދި މިއިން އެއްވެސް ކަމަކަށް ކާމިޔާބު ތަހުގީގެއް ހިންގާ ދައުވާ އުފުލިފައެއް ނެތް.“ ނަޝީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެންމެ އިސް ދައުރެއް އަދާކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޒިޔަތުގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް ސާބިތުވެފައެވެ. ނަމަވެސް ދައުލަތާއެކު ހަދައިފައިވާ އިއުތިރާފު އެއްބަސްވުމުގެ ސަބަބުން އެމީހުންގެ މައްޗަށް އިއްވާފައިވަނީ އަސާސީ މިންގަނޑަށްވުރެ ކުޑަ ހުކުމެކެވެ. 2019 ވަނަ އަހަރުގެ ކުރީކޮޅު ވަނީ އެދެމީހުން ގޭބަންދަށް ބަދަލުކުރެވިފައެވެ.
ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ދައުވާކޮށްފައެއް ނުވެއެވެ. އެކަމަކު، ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
ravaigen hingajarima