ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީން ރިޝްވަތު ނެންގެވިކަމުގެ ދައުވާތަކުގެ ޝަރީއަތްތައް ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ފުއްގިރި މައްސަލައިގެ ޝަރީއަތްތައް ތާވަލްކޮށްފައިވަނީ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހަށެވެ. އެދުވަހު ކުރިއަށްދަނީ އިބްތިދާއީ އަޑުއެހުމެކެވެ.
ފުއްގިރި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. އެހެންނަމަވެސް ރައީސް ޔާމީން ވަނީ މި ދައުވާތަކަށް އިންކާރުކުރައްވާފަ އެވެ.
މިމައްސަލާގައި ރައީސް ޔާމީނުގެ އިތުރަށް މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމު (ސަން ސިޔާމް) ގެ ކުންފުނިތަކުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެއެވެ. އަދި އަހުމަދު ރިޒާ (ކުރިކު ރިޒާ) ގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވެއެވެ.
ދައުލަތުން އުފުލާފައިވާ ދައުވާތަކުގައިވާ ގޮތުން، މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯއްދަވާފައިވެ އެވެ. އެފައިސާ ލޯންޑަރ ކުރެއްވީ ސަން ސިޔާމްގެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ކުންފުނި މެދުވެރިކޮށްކަމަށް ތުހުމަތުކޮށްފައިވެ އެވެ.
މިމައްސަލައާއި ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އެމައްސަލައިން ތަނާޒުލު ވެޑައިގެންފައެވެ. މިހާރު މިމައްސަލަ ހަވާލުކޮށްފައިވަނީ ގާޒީ އަލީ ނަދީމަށެވެ.