ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފިއެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތީ މިއަދު މެންދުރުފަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ގއ. ދާންދޫ އަށެވެ. އެއަށްފަހު، ގއ. ނިލަންދޫއަށާއި، ގއ. މާމެންދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.
ހުވަދުއަތޮޅު އުތުރުބުރިއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޢުމްރާނީ މަޝްރޫއުތައް ނިމިފައިވުމުން، ޚިދުމަތްތައް ރަސްމީގޮތުން އިފްތިތާހްކޮށްދެއްވާނެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވާނީ، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.