އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ފޯމް ހުށަހަޅައިފިއެވެ.
ނަޝީދަށް ތާއިދު ކުރައްވާ މެންބަރު ހަސަން ލަތީފް ކުރި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރެއްވުމަށް ކެންޑިޑޭޓްކަމުގެ ފޯމް ނަޝީދު ހުށަހަޅާފައިވާ ކަމަށެވެ. ނަޝީދު އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅީ އޮންލައިންކޮށެވެ.
ރައީސް މުޙައްމަދު ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
މި ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި ވާދަކުރައްވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އިންތިހާބުގައި ވާދަކުރުމަށް ރައީސް ސޯލިހް އަދި ފޯމް ހުށަހަޅާފައެއް ނުވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ.
އެ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ މީހުން 500 މެންބަރުންގެ ތާއީދު ފޯމާއެކު މިމަހު 24 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ.