މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) ބޯޓެއްގެ މައްސަލައިގައި އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފިއެވެ.
ކައިޒީން ދަޢުވާކުރީ އޭނާ 3.5 މިލިއަން ދީގެން ގަތް ބޯޓު އޭނާގެ ނުރުހުމުގައި ބައްޕަގެ ނަންމަތީގައި ރަޖިސްޓްރީކުރުމުން އޭނާގެ ނަމަށް އެ ބޯޓު ބަދަލުކުރަން އެދިއެވެ.
ސިވިލް ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ނިމެންދެން ބޯޓުގެ މިލްކުވެރިކަން ބަދަލުނުކުރުމަށާއި ކުއްޔަށްދިނުންފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ކައިޒީންގެ ބައްޕައާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެފައެވެ.
އަމުރުގައިވަނީ ބޯޓު ގަންނަން ފައިސާދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށާއި އެކަމަށް ފައިސާދިނީ ކައިޒީންކަމަށް ބައްޕަ އިންކާރުނުކުރާކަން ފާހަގަކޮށްފައެވެ.
އެހެންކަމުން ކައިޒީންއަށް ހިމާޔަތް ލިބެންޖެހޭ ހައްގެއް އެބައޮތް ކަމަށާއި މައްސަލަ ނިމުމުގެ ކުރިން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކޮށްފިނަމަ ކައިޒީންއަށް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެކަން ވެސް ފާހަގަކޮށްފައެވެ.