ރިޔާސީ އިންތިޚާބާއި އެ އިންތިޚާބާ ގުޅިގެން ބާއްވާ އެތެރޭގެ އިންތިޚާބުތަކުގައި ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ތައްޔާރުކުރާ ޕޯސްޓަރު ތަކާއި ބެނާތައް ހުއްދަ ނުނަގައި މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ދަމައި ހަދާނަމަ ޖޫރިމަނާކުރާނެކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓެއް އައްޔަށް ކުރުމަށް ޕާޓީ ތަކުގައި ބާއްވާ އިންތިޚާބުތަކާއި ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުންނާއި ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓަށް ކެމްޕެއިން ކުރުމަށް ޕޯސްޓަރުތަކާއި ބެނާތައް މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެހެއްޓުމައި ހިއްޕުމަށް އެދޭ ފަރާތްތަކުން ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުގެ ހުއްދަނެތި މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެނާ ދެމުމާއި އިސްތިހާރު ހިއްޕާ ހެދުމަކީ މަނާކަމެއް ކަމަށެވެ. އަދި ހުއްދަ ނުނަގައި އެފަދަ ކަމެއްކުރި ފަރާތެއް ދުވާލަކަށް 1000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެފަދަ އިސްތިހާރެއް ނުވަތަ ބެނާއެއް މާލޭ ސިޓީ ކައުންސިލުގެ ހުއްދަ ނެތި ބަހައްޓާފައިވާނަމަ އެފަދަ އިސްތިހާރާއި ބެނާތައް ވަގުތުން ނައްތާލެވޭނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އަދި ހުއްދަނެތި މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ދަމާފައިވާ ބެނާއާއި ހިއްޕާފައިވާ އިސްތިހާރުތައް ނަގާ ނައްތާލުމުގައި އެ ކައުންސިލުން ޒިންމާނުވާނެކަމަށް ވެސް ބުންޏެވެ.