ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މއ.ކޮޅުފުށްޓަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކޮޅުފުށީގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް އެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް އެ ރަށަށް ވަޑައިގަންނަވާނީ ވަކި ކޮން ދުވަހަކު ކަމެއް ވިދާޅެއް ނުވެއެވެ.
ބެލެވޭ ގޮތުގައި ރައީސް ޞާލިޙް ކޮޅުފުށްޓަށް ވަޑައިގަންނަވާނީ ގއ.އަތޮޅަށް މާދަމާ ފަށްޓަވާ ދަތުރުފުޅަށްފަހު މި މަހުގެ 25 ނުވަތަ 26 ގައެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހެވެ. އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރަނީ 2004 ވަނަ އަހަރު ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އެރި ސުނާމީގައި ރާއްޖެއަށް ކުރިމަތިވި ބިރުވެރި ނުރައްކާތެރި ކާރިސާއިން ސަލާމަތްވުމުގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ހަނދާންކުރުމުގެ ގޮތުންނެވެ. ސުނާމީ ކާރިސާގައި ބައެއް މީހުން ނިޔާވިއިރު 190 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ.