މާލޭގައި ފިރިހެނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފިއެވެ.
ހެންވޭރު ގެއެއްގެތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ފިރިހެނަކަށް ހަމަލާދިން މައްސަލައެއް ފުލުހަށް ރިޕޯޓުކުރީ އިއްޔެ މެންދުރުއެވެ.
ފުލުހުން އިއްޔެ ބުނީ އެ މާރާމާރީގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި ހައްޔަރުކުރީ 25 އަހަރުގެ އަންހެނެއް ކަމަށެވެ.
އަނިޔާވި ފިރިހެން މީހާއަކީ އަންހެން މީހާގެ ބޭބެއެވެ.
ފުލުހުން ބުނީ އެއީ ޢާއިލީ މައްސަލައެއްގެތެރެއިން ހިންގި މާރާމާރީއެއް ކަމަށެވެ.
ފުލުހުން ބުނީ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސްދީފައިވާ ކަމަށެވެ.