ހުޅުމާލެ ފޭސް 2ގެ ހިޔާ ފުލޭޓުގައި ވީލްޗެއަރ ރޭމްޕް ގާއިމްކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމާލައިފިއެވެ.
މިގޮތުން ކޮންމެ ޓަވަރަކު، އެ ޓަވަރަކުން ބޭރަށް ނުކުތުމަށް ހާއްސަކޮށް ރޭމްޕްއެއް މިހާރު ވަނީ ގާއިމްކޮށްފައެވެ.
ހުޅުމާލެ ފޭސް 1 ގައިވެސް ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި ހިނގާބިގާވެ އުޅުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެޗްޑީސީން ފޭސް 1ގެ އެކި ސަރަހައްދުތަކުގައި 491 ވީލްޗެއަރ ރޭމްޕް ވަނީ ގާއިމުކޮށްފައެވެ.
ހުޅުމާލެގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވެގެން އަންނައިރު ހުޅުމާލެގައި ދިރިއުޅެމުންދާ އަދި އެކިބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތްތައް ބަލާ ގިނަ ބަދަލުތަކެއް ގެނައުމުނުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ.
ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕް ގާއިމުކުރުމުގެ ސަބަބުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެންމީހެއްގެ އެހީއާއި ނުލައިވެސް ބޭނުންވާ ކަންކަން އުނދަގުލެއްނެތި ކުރެވޭނެއެވެ. މިކަމުގެ ސަބަބުން އެ މީހުންނަށް ލިބޭ ހިތްހަމަޖެހުން ބޮޑުވެގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
ނުކުޅުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ މުހިއްމުކަމެއްކަން އެކުންފުނިން ފާހަގަކުރެއެވެ.
އެގޮތުން، އެކޯޕަރޭޝަނުން އަބަދުވެސް މިފަދަ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގެ ބީޗުގައިވެސް ވީލްޗެއަރ ރޭމްޕް ޤާއިމު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.