އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.6 އިންސައްތައަށް ކުރި އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާ، 2022 ވަނަ އަހަރު ނިމޭއިރު އިގްތިސާސީ ދުވެލި ހުންނާނީ 6.6 އިންސައްތައިގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފުން އަންދާޒާ ކުރާ ގޮތުގައި އަންނަ އަހަރު ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ސަބަނުން ހަރަދުތައް އިތުރުވާނެތީ، ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުންނާނީ 4.9 އިންސައްތައިގައެވެ.
އައިއެމްއެފްގެ ވަފްދެއް ވަނީ ދާދިފަހުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދިރާސާ ކުރުމަށް ރާއްޖެއަށް ޒިޔާރަތްކޮށް ރިޕޯޓެއް އެކުލަވާލާފައެވެ. އެ ވަފްދްގެ ރިޕޯޓް އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާފައިވާއިރު އެ ބޯޑުގެ މަޝްވަރާއަށްފަހު ވަނީ ބަޔާނެއް އާންމުކޮށްފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އިން އަރައިގަނެ އިޤްތިސާދު ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އިގްތިސާދު ރަނގަޅު ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި އެ ސިނާއަތާއި ގުޅުންހުރި ދާއިރާތަކުން ދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާއިން ރާއްޖެއިން ކުރއެރުންތައް ހާސިލް ކުރަމުންދާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށް، ސަބްސިޑީސް މުރާޖައާ ކުރުމަށް ސަރުކާރުން ނިންމި ނިމުމަކީ މާލީ ސިޔާސަތު ހަރުދަނާ ކޮށް ދައުލަތުގެ ހަރަދުތަކާއި ދަރަނި މެނޭޖު ކުރުމަށް ސަރުކާރުން އެޅުއްވި ރަނގަޅޫ ހަރުދަނާ ފިޔަވަޅެއް ކަމުގައި އައިއެމްއެފުން ވަނީ ފާހަގަކޮށްފައެވެ.
ދަރަނިވެރިވެފައި އޮތްތަނެއްގެ އިގްތިޞާދު ކުރިއަރާނެ ގޮތެއް ނޭނގެ.