ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާ ފުރަތަމަ މާސްޓަރ ޕްލޭން އޮތީ ފައިނަލް ކުރުމުގެ މަރުހަލާގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމާއި ބެހޭ ޤައުމީ ސިޔާސަތު އެކުލަވާލަން ޖެހެއެވެ. އަދި މި ސިޔާސަތު ނުވަތަ މާސްޓަރ ޕްލޭން އެކުލަވާލަން ޖެހެނީ ޤާނޫނު އުފަންވާތާ އެއް އަހަރުދުވަހުގެތެރޭގައެވެ. އަދި މި ސިޔާސަތު ކޮންމެ 5 އަހަރަކުން މުރާޖައާކޮށް އެ ވަގުތާއި ހާލަތާއި ގުޅޭ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަށް ލާޒިމު ކުރެއެވެ.
ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގާ އެ ކަންކަން ބެހެއްޓުމަށް ކުނި މެނޭޖްކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުތައް ކަނޑައެޅުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައި ވަނީ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.
ކުނި މެނޭޖް ކުރުމުގެ ޤައުމީ ސިޔާސަތު އެކުލަވާލާއިރު ރަށު ފެންވަރުގައި އަދި ސިޓީ ފެންވަރުގައި ކުނިމެނޭޖް ކުރުމުގުެ އިންތިޒާމުތައް ކުރިޔަށް ގެންގޮސް ހިންގާނެ ހަމަތަކާއި އުސޫލުތައް ބަޔާންކުރާ ގައިޑްލައިނެއް މިނިސްޓްރީން އެކުލަވާލަން ޖެހެއެވެ.
އަދި ކުނި މެނޭޖުކުރުމުގެ ކަންކަން ރަށު ފެންވަރުގައި އާއި ސިޓީ ފެންވަރުގައި ހިންގާނެ ގޮތް ބަޔާންކުރާ އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލަން ޖެހެއެވެ. މި ޕްލޭން އެކުލަވާލުމުގައި އެ އދާއިރާއެއްގައި ދިރިއުޅޭ ރައްޔިތުންނާއި ކުނި މެނޭޖް ކުރުމުގައި ހަރަކާތްތެރިވާ މީހުންނާއި ކައުންސިލްގެ މަޝްވަރާ ހޯދަން ޖެހެއެވެ. މި ފްލޭންވެސް ކޮންމެ ފަސް އަހަރަކުން މުރާޖައާ ކުރަން ޖެހެއެވެ.
މި ޕްލޭން އެކުލަވާލުމަށްފަހު ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތަށް އެ ހިދުމަތް ދެވޭނީ ކުނި މެނޭޖްކުރުމުގެ އޮޕްޝަނަލް ޕްލޭން ފާސްކޮށް ލިޔުމަކުން ހުއްދަ ހޯދައިގެންނެވެ.
ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި ސިނާއީ އެހެނިހެން މަސައްކަތްކުރާ ތަންތަނުން ކުނި މެނޭޖުކުރުމުގެ އޮޕަރޭޝަނަލް ޕްލޭން އެކުލަވާލަން ޖެހޭނީ އެފަރާތަކުން އަމިއްލައަށެވެ. ސިނާއީ ކުނި މެނޭޖް ކުރުމުގެ ޕްލޭންވާންވާނީ ޤައުމި މާސްޓަރ ޕްލޭނާއި ރަށު/ސިޓީ ފެންވަރުގައި ނުވަރަ ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ އޮޕަރޭޝަނަލް ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާ ޕްލޭނަކަށެވެ.