ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަކީ 2008 ގެ ރިޔާސީ އިންތިޚާބަށް ބޭއްވި އެތެރޭގެ އިންތިޚާބު ވެސް އޮޅުވާލެއްވި ބޭފުޅެއްކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
މޫސަ ވިދާޅުވީ 2008 ގެ ރިޔާސީ އިންތިޚާބަށް ބޭއްވި އެތރޭގެ އިންތިޚާބު ވެސް އޮޅުވާލައްވައިގެން ވޯޓުން މޮޅުވެ ރައީސް ނަޝީދު އެ ރޭ ލިސްޓްތަށް އަންދާލެއްވި ކަމަށެވެ. އަދި 2013 ވަނަ އަހަރު އިތުރު ކެންޑިޑޭޓަކަށް ޖާގަދޭން ބުނުމުން ޑރ.އިބްރާހިމްދީދީއާއި އަލްހާން ފަހުމީ ޕާޓީން ވަކިކުރެއްވި ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
އަދި 2014 ވަނަ އަހަރު އެތެރޭގެ އިންތިޚާބުގެ ލިސްޓްތަށް ރައީސް ނަޝީދު އޮޅުވާލެއްވީމާ އިންތިޚާބު ހުއްޓަވައިލެއްވީ އޭނާކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައި މިވަނީ މި ފަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންސާފުވެރި ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. ނަޝީދު އެހެން ވިދާޅުވީ އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސް ހާހާ ގާތަށް މެންބަރުން އުނިކޮށްފައިވާ ކަމުގެ ތުހުމަތު ކުރައްވައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ މެންބަރުން ދަފުތަރުން އުނިކުރީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓު ނުދޭނެކަން އެނގޭތީއެވެ.