ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑާލާނެކަމަށް އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން އެ މަނިކުފާނު ގާތުގައި ވިދާޅުވެފައިވާކަމަށް އެމްޑީޕީގެ ރައީސް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ”އަޅުގަނޑު ރަހުމަތްތެރި އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން ރޭގައި ވިދާޅުވީ ލަސްވެގެން މިއަންނަ ދެ މަސް ދުވަހުގެތެރޭ ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑާލާނެކަމަށް“ ކަމަށެވެ.
އަދި މިއީ އުފާވެރި ޚަބަރެއް ކަމަށާއި މިކަން މިވަނީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޤައުމުތަކަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑައިލަން ސަރުކާރުން އަބަދުވެސް މަޝްވަރާ ކުރެއެވެ.
އީޔޫ ނޫން އެހެނިހެން މާކެޓުތަކަށް މަސް ބޭރުކުރުމަށް މަސައްކަތް ކުރާކަމަށް ވެސް ސަރުކާރުން ކުރިން ބުނެފައިވެއެވެ. އެ ގޮތުން ރަޝިޔާއާއި ތުރުކީއާއި އީސްޓާން ޔޫރަޕުގެ ޤައުމުތަކުގެ މާކެޓު ހޯދަން ކުރަމުންދާ މަސައްކަތް ކާމިޔާބުވުމުން މާކެޓް އެކްސެސް ބޮޑުވާނެ ކަމަށާއި މަސް ގަންނަ ކުންފުނިތަކުން މިހާރު މަސް ގަންނަ އަގަށްވުރެ ބޮޑު އަގުގައި މަސް ގަތުމުގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.