ފުލުހުންގެ ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ފަސް އޮފިސަރަކު މަޤާމުން ވަކިކުރަން ނިންމި ނިންމުުން ސިވިލް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
ފުލުހުންގެ ބޯޑުގެ ލަފަޔާއެކު މިދިޔަ އަހަރު ހަތް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމިއެވެ.
އޭގެތެރެއިން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޖަމްޝީދު, އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު (ޓޫފޯ), ޗީފް ސްޕްރިންޓެންޑެންޓް ޢަބްދުﷲ ޝަރީފް, ސްޕްރިންޓެންޑެންޓް މުޙައްމަދު ދާއޫދު, ސްޕްރިންޓެންޑެންޓް އިސްމާޢީލް ޝަމީމް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ޝަރީފާއި ޝަމީމާއި ދާއޫދު ވަކިކުރަން ނިންމުމަށް އަމަލުކުރުން ކޯޓުން ވަގުތީ ގޮތުން ހުއްޓުވާފައިވާތީ އެ ބޭފުޅުން އަދިވެސް ތިއްބެވީ ވަޒީފާގައެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ ފުލުހުންގެ ބޯޑުގެ ނިންމަކުން އިސް އޮފިސަރަކު ވަކިކުރެވޭނީ ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހުގައި ނަމަވެސް އެ ފަސް އޮފިސަރުންނާ ގުޅޭ އެފަދަ ނިންމުންތަކެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށެވެ.
އެހެންކަމުން އެ ފަސް އޮފިސަރުން ވަޒީފާއިން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުން ބާތިލުކުރާ ކަމަށެވެ.